ޗައިނާގެ ބެއިޖީންގެ ފޮރިން ސްޓަޑީޒް ޔުނިވާސިޓީ (ބީއެފްއެސްޔޫ) ގައި ދިވެހި ބަހުގެ ކޯހެއް ކިޔަވައި ދޭން ފަށައިފިއެވެ.

މިއީ އެހެން ގައުމެއްގެ ޔުނިވާސިޓީއެއްގައި ދިވެހި ބަހުގެ ކޯހެއް ރަސްމީކޮށް ހިންގާ ފުރަތަމަ ފަހަރެވެ.

މި ކޯސް ފެށުމުގެ ގޮތުން އިއްޔެ ބީއެފްއެސްޔޫގައި ވަނީ ހަފުލާއެއް ބާއްވާފައެވެ. އެ ހަފްލާގައި އެ ޔުނިވާސިޓީގެ އިސް ބޭފުޅުންނާއި ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ބީއެފްއެސްޔޫގެ ސްޓޭންޑިން ކޮމިޓީގެ މެންބަރު ޒައު ގެންގް ވާހަކަ ދައްކަވަމުން ވިދާޅުވީ، ދިވެހި ބަހަކީ ރާއްޖޭގެ ދިގު ތާރީހާއި ސަގާފަތާ ގުޅިފައި އޮންނަ ބަހެއް ކަމަށާއި އެ ކޯހުގެ ސަބަބުން ޗައިނާގެ ޒުވާން ޖީލަށް ދިވެހި ތާރީހާއި ސަގާފަތް ދަސްވެގެން ދާނެ ކަމަށެވެ.

ޗައިނާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ސޮބާހު ރަޝީދު ވިދާޅުވީ، މިއީ ތާރީހުގައި ވެސް ބައިނަލްއަގްވާމީ ޔުނިވާސިޓީއެއްގައި ދިވެހި ބަސް ކިޔަވައި ދޭ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ ރާއްޖެ އާއި ޗައިނާ ދެމެދު އޮންނަ ގާތް ގުޅުން ދައްކުވައިދޭ ހެއްކެއް ކަމަށެވެ.

ރާއްޖެ އާއި ޗައިނާ ދެމެދު ސިޔާސީ ގުޅުން ބާއްވަމުން އަންނަތާ 50 އަހަރު ވާން ގާތްވެފައި ވާއިރު ޗައިނާ އަކީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ގައުމެކެވެ. އުމްރާނީ ތަރައްގީއާއި އެކި ތަރައްގީގެ މަޝްރޫއުތަކުގައި ޗައިނާއިން އަންނަނީ މެދުކެނޑުމެއް ނެތި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ދިވެހި ބަސް ޗައިނާގެ ޔުނިވާސިޓީއެއްގައި ފަށާފައިވާ އިރު، ކޮވިޑް ބަލިމަޑުކަން ފެތުރުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އަންނަ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ.