ރޭ ދަންވަރު ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ހިނގާ ދިޔަ ހާދިސާގައި އެއްވެސް ކުއްޖަކަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ޕްރޮޓެކްޝަން ސާވިސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭ ހިނގައި ދިޔަ ހާދިސާ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުމުން ވަގުތުން އެތަނަށް އެޓެންޑްވި ކަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ އެކުދިންގެ ދިރުއުޅުމުގެ މަރުލާތަކުގައި އެކިކަހަލަ އަނިޔާލިބި، މުޅި ދިރިއުޅުމަށް ދެމިގެންދާފަދަ ކަންކަން ދިމާވެފައިވާ ކުދިން ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެއީ އެކަމުގެ އަސަރު އެކުދިންގެ މުޅި ދިރިއުޅުމުގައި ތަހައްމަލް ކުރަމުންދާ ކުދިން ކަމަށެވެ.
އަމާޒަކީ ރައްކާތެރިކަން ބޭނުންވާ ހުރިހާ ކުދިންނަށް އެފަދަ މާހައުލެއް ގާއިމު ކުރުން ކަމަށާއި، މި ދަނޑިވަޅުގައި ކުދިންގެ ކަރާމާތާއި ރައްކާތެރިކަމަށް އުނިކަމެއް އަންނަ ފަދަ ކަންކަމުން ދުރުވުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރިއެވެ.
އެ އިދާރާއިން ބަޔާނެއް ނެރެފައިވަނީ ރޭ ފަތިހު ގާތްގަނޑަކަށް 4:45 ހާއިރު ހުޅުމާލެ ގާ ހުންނަ ފިޔަވަތީގާ ތިބި ކުދިންނަށް އެތާގެ މުވައްޒަފުން އަނިޔާ ކުރާ އަޑުއިވިގެން މީހުން އެއްވި ކަމަށް ބުނެ ސޯސަލް މީޑިއާގައި ވީޑިއޯއެއް ދައުރުވަމުންދަނިކޮށެވެ.
ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ހުޅުމާލެ ފިޔަވަތީގެ ދޮރުގައި ބަޔަކު ތަޅާ ދޮރު ހުޅުވަން ގޮވާ އަޑުގަދަކުރަމުންދެއެވެ. އަދި ފިޔަވަތީގެ އެތެރެއިން ކުދިންތަކެއް ރޮއެ ހަޅޭލަވާ އަޑު އެ ވީޑިއޯއިން އިވެމުންދެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ފިޔަވަތީގެ ފާރު މައްޗަށް ބަޔަކު އަރާ އުޅޭ ކަމުގެ މައުލޫމާތު ރޭ ފުލުހުންނަށް ލިބިގެން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށާއި އެހެންނަމަވެސް ދިޔައިރު އެތާ އެއްވެސް ބައެއް ނެތް ކަމަށެވެ. އަދި ފިޔަވަތީގެ ކުދިންނަށް މުވައްޒަފުން އަނިޔާކުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.