އިންޑޮނޭޝިއާގެ ބަންޓެން ޕްރޮވިންސްގެ ތޮއްޖެހިފައިވާ ޖަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

އިންޑޮނޭޝިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 41 އަށް އަރާފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޒަހަމްވެސް ވެފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު، އިންޑޮނޭޝިއާ ގަޑިން 01:00 އާއި 02:00 ދެމެދު، ޓެންގަރެންގް ޕްރިޒަން ބްލޮކް ސީގައެވެ. މި އަލިފާންގަނޑު ނިއްވާލާފައި ވީ ނަމަވެސް، ކަމާ ބެހޭ ފަރާތްތަކުން އަދިވެސް ދަނީ، ފެސިލިޓީން މީހުން ނެރުމުގެ މަސައްކަތް ކުރަމުން ކަމަށް، ގާނޫނާއި އިންސާނީ ހައްގުތަކާ ބެހޭ މިނިސްޓްރީގެ، ކަރެކްޝަންސް ޑިޕާޓްމަންޓްގެ ތަރުޖަމާނު ރީކާ އަޕްރިއަންތީ ވަނީ ވިދާޅުވެފައެވެ.

ރީކާ ވިދާޅުވީ، ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ތަހުގީގު ކުރާ ފަރާތްތަކުން ވަނީ، އަލިފާނުގެ މަސްދަރަކީ، މައްސަލަޖެހިފައި ވާ ކަރަންޓް ވަޔަރެއްތޯ އިތުރަށް ކަށަވަރު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ޖަލު ބްލޮކަކީ މަސްތުވާތެކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރާ މީހުންނަށް ހާއްސަ ކޮށްފައި ވާ ބްލޮކްއެކެވެ. އަދި އެއީ 122 މީހުންގެ ޖާގައިގެ ބްލޮކެއް ކަމަށްވެސް ރީކާ ވަނީ ހާމަ ކުރައްވާފައެވެ.

ހާދިސާ ހިނގިއިރު ބްލޮކްގައި ތިބީ ކިހާ ގައިދީނެއް ކަމެއް، ރީކާ ތަފްސީލު ކޮށްދެއްވާފައެއް ނުވެއެވެ. އެ ބްލޮކަކީ، ތޮއްޖެހިފައިވާ ބްލޮކެއްކަން އޭނާ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޓެންގަރެންގް ޖުމުލަ 600 މީހުންގެ ޖަލެއް ނަމަވެސް،އެ ޖަލުގައި 2000 އަށް ވުރެ ގިނަ ގައިދީން ތިބި ކަމަށް، އިންޑޮނޭޝިއާގެ ސަރުކާރުން މި މަހު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.