ކޮވިޑް 19 އިން ދުފާއުވުމަށް ވެކްސިން ޖެހުމުގައި މާބަނޑު މީހުންނާމެދު އަމަލުކުރާނެ ގޮތް އެޗްޕީއޭ އިން އާންމުކޮށްފިއެވެ.

ވެކްސިން ޖެހުމުގައި މާބަނޑު މީހުންނަށް އޮތް އިހުތިޔާރުތައް އާންމުކޮށް، އެޗްޕީއޭ އިން ބުނީ ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިޝީލްޑް ޖެހި ފަހުން ބަލިވެ އިން ނަމަ، އެ މީހުންނަށް ދެ ވަނަ ޑޯޒްގެ ގޮތުގައި ޖަހާނީ ފައިޒާ ނުވަތަ އެސްޓްރަޒެނެކާ ވެކްސިން ކަމަށެވެ.

އެހެންނަމަވެސް، މާބަނޑުވުމުގެ ކުރިން ފުރަތަމަ ޑޯޒްގެ ގޮތުގައި ސިނަފޯމް ވެކްސިން ޖެހި މީހުންނަށް އޮތް ހަމައެކަނި އިހުތިޔާރަކީ ދެވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖެހުން ކަމަށް އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ.

އެޗްޕީއޭ އިން އިތުރަށް ބުނީ ކޮވިޑް ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ހުއްޓާ މާބަނޑުވެއްޖެނަމަ އެމީހުންނަށް ފުރަތަމަ އަދި ދެވަނަ ޑޯޒްގެ ގޮތުގައި ވެސް ޖަހާނީ ފައިޒާ ވެކްސިން އެކަނި ކަމަށެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން ޖަހައިދެމުން އަންނަނީ ހާއްސަ ހާލަތްތަކުގައި ތިބި މީހުންނާއި މާބަނޑު މީހުންގެ އިތުރުން 12-17 އަހަރުގެ ކުދިންނަށް އެކަންޏެވެ.

ރާއްޖެއިން މިހާތަނަށް 386،514 މީހަކު ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އަދި ވެކްސިން ފުރިހަމަކުރީ 305،571 މީހެކެވެ.