އިންތިހާއަށް މަސްރަހު ނުތަނަވަސް ވެފައި ވާ އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން އެ ގައުމުގައި ވަގުތީ ސަރުކާރެއް އިއުލާންކޮށް، އަފްގާނިސްތާންއަކީ "އިސްލާމީ އިމާރާތު" ކަމަށް ކަނޑައަޅާ، އެކަން އާންމު ކޮށްފިއެވެ.

ތޯލިބާނުން އިއުލާން ކުރި ސަރުކާރުގައި ބޮޑުވަޒީރުގެ ގޮތުގައި އިސްކޮށް ހުންނާނީ، އެ ޖަމާއަތުގެ ބާނީންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށްވާ މުއްލާ މުޙައްމަދު ހަސަން އަހޫންދުއެވެ. ދާހިލި ވަޒީރު ކަމުގެ މަގާމުން ފެނިގެންދާނީ، އެފްބީއައިއިން އެންމެ ހޯދަން ބޭނުން ވެފައިވާ ހައްގާނީ ހަނގުރާމަވެރި ޖަމާއަތުގެ ލީޑަރެއް ކަމަށްވެސް ހަބަރު ލިބެއެވެ.

އަފްގާނިސްތާނުގެ އިންތިހާބީ ސަރުކާރު ވައްޓާލާ، މުޅި އެ ގައުމުގެ ކޮންޓްރޯލް، ތޯލިބާނު ޖަމާއަތުން ނެގީ އޯގަސްޓް 15 ވަނަ ދުވަހުއެވެ.

ވަގުތީ ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އިއުލާން ކުރުމަކީ އަފްގާނިސްތާނުގައި ތޯލިބާނުންގެ ސަރުކާރެއް އެޅުމާ ގާތަށް އެޅި މުހިންމު ފިޔަވަޅެކެވެ.

މި ކަމާ ބެހޭ އެ ޖަމާއަތުގެ ތަރުޖަމާނު ޒަބީއުއްލޯ މުޖާހިދު ބުނީ، އާ ސަރުކާރެއްގެ އިންތިޒާރުގައި އަފްގާނިސްތާނުގެ ރައްޔިތުން ތިބިކަން އެ ޖަމާއަތަށް އެނގޭ ކަމަށާ، އެ ޖަމާއަތުން، މީސްތަކުން ބޭނުންތައް ފުއްދާދީފައި ވާނެ ކަމަށެވެ.

ދާހިލީ ވަޒީރު ކަމަށް އައްޔަން ކޮށްފައި ވާ ސަރާޖުއްދީން ހައްގާނީއަކީ، ފާއިތުވީ 20 ވަރަކަށް އަހަރު ދުވަހު އަފްގާނިސްތާނުގައި އެމެރިކާއިން ކުރި ހަނގުރާމައާ ދިމާކޮށް، ތޯލިބާނުންނާ ގުޅިގެން ނުރައްކާތެރި ހަމަލާތަކެއް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ހައްގާނީ ނެޓްވޯކްގެ އިސްވެރިޔާއެވެ.

ތޯލިބާން ޖަމާއަތާ ހިލާފަށް، ހައްގާނީ ނެޓްވޯކަކީ، އެމެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި ވާ ޖަމާއަތެކެވެ.

ތޯލިބާނުންގެ އާ ސަރުކާރުގެ އިތުރު މަގާމުތަކަށް ބަލާއިރު ދިފާއީ ވަޒީރު ކަމަށް އައްޔަން ކުރި މުއްލާ ޔައުގޫބާއި، ފޮރިން މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރި އާމިރު ހާން މުއްތަގީ ފާހަގަ ކުރެވެއެވެ. ތޯލިބާނުންގެ ކޯފައުންޑަރުންގެ ތެރޭގައި ހިމެނޭ މުއްލާ ޢަބްދު ޣަނީ ބަރާދަރާއި މުއްލާ ޢަބްދުއްސަލާމް ހަނަފީ ހަމަޖައްސާފައި ވަނީ ނައިބުންގެ ފެންވަރުގެ މަގާމްތަކަށެވެ.

މުއްލާ ޔައުގޫބާކީ ތޯލިބާނުންގެ ރޫހީ ލީޑަރު މުއްލާ އުމަރުގެ ދަރިއެކެވެ. އަދި ބަރާދަރަކީ، ގަތަރުގައި ތޯލިބާނުންގެ ސިޔާސީ އޮފީސް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ.

މި ފަހަރު ވެރިކަމަށް އައީ ބަދަލަކާއެކުގައި ކަމަށް ބުނަމުން ދާ ތޯލިބާނުންގެ ސަރުކާރުގައި އެއްވެސް އަންހެން މެންބަރަކު ނެތީ ކީއްވެތޯ ބައިނަލްއަގުވާމީ މީޑިއާއެއް ކަމަށް ވާ ބީބީސީއިން ކުރި ސުވާލަކަށް ޖަވާބު ދެމުން، ތޯލިބާން ކަލްޗަރަލް ކޮމިޝަންގެ އަހުމަދުއްލޯ ވާސިގު ވަނީ، މިހާރު އޮތް ކެބިނެޓަކީ އަދި "ފައިނަލް" ވެފައި ވާ ކެބިނެޓެއް ނޫން ކަމަށް ބުނެފައެވެ.

ތޯލިބާނުން އެކުލަވާލި އާ ސަރުކާރާ ބެހޭ ގޮތުން މިވަގުތު އެއްޗެއް ބުނަން ނެތް ކަމަށް، ދިވެހި ފޮރިން މިނިސްޓްރީން ވަނީ ދަ ޕްރެސްއަށް ބުނެފައެވެ.