ކޮވިޑްގެ ސަބަބުން ރ. ދުވާފަރު މޮނީޓަރިންގައި އޮންނަތާ ތިން މަސް ވެފައިވާ އެރަށުން އަދިވެސް ކޮވިޑްގެ ކޭސްތައް ފެންނަ ކަމަށާއި ރަށުގެ ހާލަތު އަދިވެސް ރަނގަޅު ނުވާ ކަމަށް އެ ދުވާފަރު ހެލްތު ސެންޓަރުން ބުނެފިއެވެ.

މާލެ ދަތުރުކުރާ އެ ރަށު ބޯޓަކުން ކޮވިޑްގެ ކޭސްއެއް ފެނި، ދުވާފަރު މޮނިޓަރިންނަށް ލީ މިއަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ރަށަކީ މިވަގުތު މޮނިޓަރިންގެ ލިސްޓުގައި އޮންނަތާ އެންމެ ގިނަ ދުވަސްވީރަށެވެ. ދުވާފަރުން ބަލި ޖެހުނު މީހުންގެ އަދަދު 989 އަރާފައިވާއިރު މިވަގުތު ވެސް ބަލިން ރަނގަޅު ނުވެ 90 މީހަކު އެބަ ތިއްބެވެ.

ރ. ދުވާފަރު ހެލްތް ސެންޓަރުން ބުނީ ރޭ 12 ޖެހުމާ ހަމައަށް އެރަށުން އިތުރު 5 ކޭސް ފެނިފައިވާ ކަމަށެވެ. މި ބަލީގައި ދުވާފަރުން 6 މީހަކު ވަނީ މަރުވެފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ދުވާފަރު ހެލްތު ސެންޓާގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސާ އާމިރު އަހުމަދު، ވިދާޅުވީ ކޮވިޑްގެ ހާލަތަށް އަދިވެސް މާ ބޮޑު ބަދަލެއް ނާންނަ ކަމަށެވެ. އެހެންނަމަވެސް މިހާރު ރެންޑަމް ސާމްޕަލް ޕޮޒިޓިވް ވަނީ ގާތްގަނޑަކަށް 2 ޕަސެންޓް ކަން އާމިރު ވަނީ ފާހަގަކުރައްވާފައެވެ.

އާމިރު ވިދާޅުވީ ދުވާފަރަކީ ނިސްބަތުން ހައި ރިސްކް މީހުން ގިނަ ތަނަކަށް ވުމާއިއެކު މިފަދަ ބައްޔެއް ފެތުރުމުން ގިނަ ބަޔެއްގެ ފުރާނައަށް ނުރައްކާވާ ހިސާބަށްދާ ކަމަށެވެ.

އާބާދީ 5،000 އަށްވުރެ ބޮޑު ދުވާފަރުން ބަލި ޖެހުނު މީހުންނަށް އޭދަފުށީ މެޑިކަލް ފެސިލިޓީގައި އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީ އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ފަރުވާ ދީފާވެއެވެ. އަދި މިހާރު ވެސް 6 މީހަކަށް އޭދަފުށީ މެޑިކަލް ފެސިލިޓީ އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް ވެސް ދުވާފަރުގައި ވަނީ އަޅައިފައެވެ. ހެނދުނު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަމުން އަންނައިރު އެނޫން ވަގުތުތަކުގައި ބޭރަށް ނިކުމެވެނީ ޒަރޫރީ ކަންކަމުގައި އެކަންޏެވެ. ޕާކުތައް ވެސް ބަންދުކޮށް، އެއްވެ އުޅުން ވެސް މަނާކޮށްފައިވާ ކަމަށް އާމިރު ވިދާޅުވިއެވެ.

މި ހުރިހާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކަށް ދަތިވެފައިވާ ކަމަށާއި އެކަމަކު މިވަގުތު ބަލިން އަރައިގަނެވެން އޮތީ މި ފިޔަވަޅުތަކަށް ބޯލަނބައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އާމިރު އިތުރަށް ވިދާޅުވީ މޮނިޓަރިންގައި މިހާ ދުވަސްވީއިރު މިކަމުން އަރައިގަނެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށެވެ.