ހަމަނުޖެހުން ގަދަވެފައި އޮތް ޔޫކްރައިންގެ މަތިން އުދުހެމުން ދަނިކޮށް، 2014 ވަނަ އަހަރު ވައްޓާލި މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް17 އިން ދަތުރު ކުރި މީހުންގެ އާއިލާތަކުން، މި މައްސަލާގައި ދައުވާ ލިބޭ 4 މީހުންނާ ދެކޮޅަށް ކުރިއަށް ގެންދާ ޝަރިޔަތުގެ މަޖިލީހުގައި ހެކިބަސް ދޭން ފަށައިފިއެވެ.

ކުރިއަށް އޮތް 3 ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް، ޝިފޯލްގައި ކުރިއަށްގެންދާ ޝަރިޔަތުގެ މަޖިލީހުގައި، އާއިލާތަކުން 90 މެންބަރަކު ވާހަކަދައްކާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ބައިނަލްއަގުވާމީ އިންވެސްޓިގޭޓަރުން ވިދާޅުވާ ގޮތުގައި އެމްއެޗް17 ވައްޓާލާފައި ވަނީ، ރަޝިއާއަށް ތާއީދުކުރާ ހަނގުރަމަވެރިން ފޮނުވާލި މިސައިލް ހަމަލާއަކުންނެވެ.

މި މައްސަލާގައި ރަޝިއާގެ 3 ރައްޔިތަކާއި ޔޫކްރައިން 1 ރައްޔިތަކާ ދެކޮޅަށް ދައުވާ ކުރި ނަމަވެސް، އެމީހުން ކޯޓަކަށް ހާޒިރެއް ނުވާނެއެވެ. 4 މީހުން ވަނީ، މިކަމުގައި އެމީހުންގެ ދައުރެއް އޮތް ކަމަށް އިންކާރު ކޮށްފައެވެ.

މިސައިލް ހަމަލާއެއްގައި، ޖުލައި 17، 2014 ވަނަ ދުވަހު އެމްއެޗް17 ވައްޓާލިއިރު، އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ނެދަލަންޑްސްގެ އެމްސްޓަޑޭމްއިން ފުރައިގެން މެލޭޝިއާގެ ކުއާލަލަމްޕޫރަށެވެ. ބޯޓު ވެއްޓުނީ ރަޝިއާއާއި ޔޫކްރައިންގެ ބޯޑަރާ ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ ޑޮނެޓްސްކްއޭ ކިއުނު ސަރަހައްދަށެވެ.

ބޮއިންގް 777 މަރުކާގެ ބޯޓުން ދަތުރު ކުރަމުން ދިޔަ 298 މީހުންގެ ފުރާނަ، އެ ހާދިސާގައި ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި 283 ފަސެންޖަރުންނާއި 15 ކުރޫއިން ހިމެނެއެވެ. ބޯޓުން ދަތުރު ކުރި މީހުންނަކީ 10 ގައުމަކަށް ނިސްބަތްވާ މީހުން ކަމުގައި ވީ ނަމަވެސް، ގިނައީ ނެދަލަންޑްސް ރައްޔިތުންނެވެ.

ނެދަލަންޑްސްގެ ޕްރޮސެކިއުޓަރުން ވަނީ، ބޯޓު ވައްޓާލުމުގައި، ދައުވާ ލިބޭ 4 މީހުންގެ ދައުރެއް އޮތް ކަމަށް ބުނެއެވެ. އަދި ބޯޓު ވައްޓާލާފައި ވަނީ އެއްގަމުން ވައިގެ ތެރެއަށް ހަމަލާ ދޭ، ރަޝިއާގެ މިސައިލެއް ބޭނުން ކޮށްގެން ކަމަށްވެސް ނެދަލަންޑްސްގެ ޕްރޮސެކިއުޓަރުން ބުނެއެވެ.

ހާދިސާގައި މަރުވި ބައެއް މީހުންގެ ހަށިގަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާއިރު، ހެކިބަސްދިން އެކަކު ވަނީ، އޭނާގެ ބައްޕަ ދެނެގަނެވުނު ހަމައެކަނި ގޮތަކީ އަތުގެ ކަށިކޮޅަކުން ކަމަށާ، ބައްޕަގެ ހަށިގަނޑުން ބާކީ އޮތް ބަޔަކީވެސް އެ ކަށިކޮޅު ކަމަށް ބުނެފައެވެ.

ފްލައިޓުން 10 ގައުމެއްގެ ރައްޔިތުން ދަތުރުކުރިއިރު، 8 ގައުމެއްގެ ރައްޔިތުން، ކޯޓުގައި ހެކި ބަސް ދޭނެއެވެ. މި މައްސަލާގައި ހުކުމެއް އިއްވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅުގައެވެ.