ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު މަރުވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ ރޭ ދަންވަރު 3:35 ހާއިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ހާލު ދެރަވެގެން ރ. ދުވާފަރުން ގެނައި މީހެކެވެ. މި މަރާ އެކު މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު މި ވަނީ 227 އަށް އަރާފައެވެ. މިއީ މި މަހު މަރުވި ފުރަތަމަ މީހާއެވެ.

މި ދިޔަ މަހު ކޮވީޑް ބަލީގައި ވަނީ 5 މީހަކު މަރުވެފައެވެ. އެއީ ގދ. ކޮވިޑް ފެސިލިތީއަށް ގެންދިޔަ އުމުރުން 90 އަހަރުގެ ފިރިހެނަކާއި، ޏ. ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް މަރުވި އުމުރުން 94 އަހަރުގެ ދިވެހި ފިރިހެނަކާއި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނަކާއި، އަައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 92 އަހަރުގެ އަންހެނެއްގެ އިތުރުން ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި އުމުރުން 49 އަހަރުގެ ދިވެހި އަންހެނެކެވެ.

މީގެ އިތުރުން މިދިޔަ މަހު ލަންކާގައި ހުރި ދިވެއްސަކު ވެސް ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 227 އަށް އަރާފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 178 މީހަކު މަރުވެފައެވެ.