އެމްޑަބްލިޔުއެސްސީ އިން ށ.ފީވަކުގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާ އެހެނިހެން ތަކެތި މިހާރު ފީވަކަށް ގެންގޮސްފައިވާ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން ފީވަކުގައި 9.17 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާ، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާ، ފެން އުފެއްދުމަށްޓަކާ 2 އާރްއޯ ޕްލާންޓް ބެހެއްޓުމާ އަދި ފެން ރައްކާކުރުމަށްޓަކާ 3 ތާންގީ ބެހެއްޓުން ހިމެނެއެވެ.

އޭގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓާ، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ. އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު އެމަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ފީވަކުގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެމަޝްރޫއުގެ އަގަކީ ޖުމްލަ 49,6 މިލިއަން ދިވެހި ރުފިޔާއެވެ. އެ މަޝްރޫއުގެ މުއްދަތަކީ 450 ދުވަހެވެ.

އެމަޝްރޫއުގެ މަސައްކަތް ނިމުމުން ފީވަކުގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެއެވެ.