އޮޅު ޖަނަވާރު ގެންގުޅޭ ފަރާތްތަކުން ގިނަ ވަގުތު ގޭގައި ހޭދަ ކުރުމުގެ ސަބަބުން، ފުރާނައަށް ނުރައްކާ ވާ ދަރަޖައަށް ބުޅާތަކަށް ސްޓްރެސް ބޮޑު ވަމުން އަންނަ ކަމުގެ އިންޒާރު، ޖަނަވާރުތަކުގެ ސިއްހަތާ ބެހޭ ޑޮކްޓަރުން ދީފިއެވެ.

ބުޅާ ގެންގުޅޭ ފަރާތްތަކުން ގިނަ ވަގުތު ގޭގައި ހޭދަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ބުޅާތަކުގެ ދުވަހުގެ ރޫޓިން ބަދަލުވެއެވެ. އަދި ވެރި މީހާގެ ފަރާތުން އާދަޔާ ހިލާފަށް ސަމާލުކަން ލިބެމުން ދިއުމަކީ، އެ ބުޅާތަކަށް އިންތިހާއަށް ސްޓްރެސް ބޮޑުވާ ކަމެއް ކަމަކަށް ވެއެވެ.

ބުޅާތަކަށް ސްޓްރެސް ބޮޑުވުމުގެ ސަބަބުން ފިރިހެން ބުޅާތަކުގެ ކުޑަކަމުދާ ނިޒާމަށް އެކަމުގެ އަސަރު ފޯރާ، އަންހެން އަދި ފިރިހެން ބުޅާތަކަށް ސިސްޓައިޓިސްގެ ތަކުލީފު ޖައްސައެވެ.

ޖަނަވާރުންނަށް ހާއްސަ ޑޮކްޓަރުން ބުނާ ގޮތުގައި، ބުޅާތަކަށްވެސް "ޕްރައިވަސީ" ނުވަތަ އެކަނިވެ، އެކަހެރިވެ، ފިލަން ވަދެވޭނެ ތަންތަން ހަމަޖައްސާދޭން ޖެހެއެވެ. އަދި ބުޅަލަށް ކާން އަޅާ، ފެންދީ ހަދާ ތަންތަނާ، އެ ބުޅާތައް ނަޖިސް ބޭރު ކުރާ ތަންތަނަކީވެސް އަޑު މަޑު ތަންތަން ކަމުގައި ހެދުމަށް ވެޓުން ވަނީ އިރުޝާދު ދީފައެވެ.