އެމެރިކާގެ ތާރީހުގައިވެސް އެ ގައުމުން ކުރި އެންމެ ދިގު ހަނގުރާމަ ނިންމާލުފަހު އެ ގައުމުގެއަސްކަރީ ފައުޖުތައް އަފްގާނިސްތާނުން ފައިބާފައި ވާއިރު، އެއް ގޮތަށް ވުރެ ގިނަ ގޮތުން ސުންނާފަތި ވެފައި ވާ އަފްގާނިސްތާނުގައި އުފެދިފައި ވާ "ހުސްކަން ފަޅު ފިލުވާލުމަށް" އެންމެ ހުށިޔާރު ކަމާއެކު ކަޅި އަޅަމުން އަންނަ އެއް ގައުމަކީ ޗައިނާއޭ ދެންނެވުމަކުން ގޯހެއް ނެތެވެ. އަފްގާނިސްތާނަކީ، އޭޝިއާ ސަރަހައްދުގެ ކޮންޓްރޯލް ނެގުމަށް ޗައިނާއިން ކުޅެމުން އަންނަ ކުޅިގަނޑުގައި މަދުވާ މައިދާނުގެ ގޮތުގައި ވެސް ސިފަކުރެވިދާނެއެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބި ހައްސާސީ ވަގުތުގައި، އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުން އާންމުންގެ މީހުން ވެއްޓި މަރުވާ މަންޒަރު ފެންނަ ވީޑީއޯތައް ސޯޝަލް މީޑިއާގައި ވައިރަލް ވާން ފެށުމާއެކު، އެންމެ ހަރު އަޑުން އެމެރިކާއަށް ފާޑުކިއުން އަމާޒު ކުރި ގައުމަކީވެސް ޗައިނާއެވެ. އަފްގާނިސްތާނުގެ ރެފިއުޖީންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ ފެއިލްވި މަންޒަރު، އެންމެ ސާފުކޮށް ދުނިޔެއަށް ދައްކާ ދިނުމުގައި ޗައިނާ އޮތީ އެންމެ ކުރީގައެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ އަންނަ ތޯލިބާން ޖަމާއަތުގެ ހަނގުރާމަވެރިން / ފޮޓޯ: ބީބީސީ

ދުވަސްތަކަކަށް ދެމިގެން ދިޔަ ލުއިލުއި ކުރިމަތިލުންތަކަކަށް ފަހު، މުޅި އަފްގާނިސްތާނުގެ ކޮންޓްރޯލް، ހަތިޔާރުއެޅީ ހަނގުރާމަވެރި ތޯލިބާނުންގެ މުށުތެރެއަށް ލާ ފިއްތާލީ، އޯގަސްޓް 15، 2021 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ޖެހިގެން އައި 2 ހަފުތާއެއްހާ ދުވަސް، އެމެރިކާގެ އަސްކަރީ ފައުޖުތަކުން އަވަދި ނެތި މަސައްކަތް ކުރަމުން ދިޔައި "ނުރައްކަލުގައި" ތިބި އަފްގާނިސްތާނުގެ ރައްޔިތުންނާއި، އަފްގާނިސްތާނުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން، އަފްގާނިސްތާނުން ބޭލުމަށެވެ.

އަފްގާނިސްތާނުގެ ސަލާމަތްތެރިކަމާއި ހަމަނުޖެހުން އެތައް ފަހަރަކު ނަގާލި ތޯލިބާނުންގެ ކޮންޓްރޯލްގެ ދަށަށް މުޅި އަފްގާނިސްތާން ގެންދިއުމާއެކު، އަފްގާނިސްތާނުގެ ރަހުމަތްތެރި ގުޅުންތަކެއް ގާއިމު ކުރަން ބޭނުން ކަމަށް ބުނެ، ބައިނަލްއަގުވާމީ މުޖުތަމައުން އެންމެ ފުރަތަމަ ބަޔާން އާންމު ކުރި ފަރާތްތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ.

އަފްގާނިސްތާނުގެ ވެރިކަން ނަގާފައިވާ ތޯލިބާނުންނާ މުޅި ބައިނަލްއަގުވާމީ މުޖުތަމައުވެސް ޝާމިލުވާން ޖެހޭ ކަމަށާ، ތޯލިބާނުގެ ވެރިންނަށް، އެދެވޭ ރޫހެއްގައި މުޅި ދުނިޔެއިންވެސް އިރުޝާދު ދޭން ޖެހޭ ކަމަށް، ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވޭންގް ޔީ ވަނީ ވިދާޅުވެފައެވެ.

އޯގަސްޓް 26، 2021 ވަނަ ދުވަހު، އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިން ޓެރަރިސްޓް ހަމަލާގައި ޒަހަމްވީ މީހަކު އުފުލަނީ / ފޮޓޯ: ރޮއިޓާޒް

އަފްގާނިސްތާނަށް ބޭނުންވާ އިގުތިސޯދީ އަދި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، ބައިނަލްއަގުވާމީ މުޖުތަމައާއެކު އެމެރިކާގެ ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށާ، އާންމު އުސޫލުން ވެރިކަން ހިންގުމަށް، އަފްގާނިސްތާނުގެ އާ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށްވެސް ވޭންގް ވަނީ ވިދާޅުވެފައެވެ. އަދި އިޖުތިމާއީ ހަމަޖެހުން ގާއިމު ކޮށް، އަފްގާނިސްތާނު ފައިސާގެ އަގު ދަށްވިޔަ ނުދީ ހިފަހައްޓާ، ދިރިއުޅުމުގެ ހަރަދުތައް ކޮންޓްރޯލް ކުރުމަށްވެސް ބައިނަލްއަގުވާމީ މުޖުތަމައާއެކު އެމެރިކާގެ ސަރުކާރުން މަސައްކަތް ކުރުމަށް ވޭންގް ޔީ ވަނީ ބްލިންކެންއަށް ދަންނަވާފައެވެ.

އަފްގާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކޮށް، އެ ގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމުގައި އެމެރިކާއިން، އަފްގާނިސްތާނުގެ އިސްތިގުލާލަށް އިހުތިރާމް ކުރަން ޖެހޭ ކަމަށާ، ޓެރަރިޒާމާ ގުޅުން ހުރި ކަންކަމުގައި އެމެރިކާއިން ދެފުށް ދެގޮތް އުސޫލު ދޫކޮށްލަން ޖެހޭ ކަމަށްވެސް ވޭންގް ވަނީ ވިދާޅުވެފައެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، އެމެރިކާއިން އަފްގާނިސްތާނު ދޫކޮށްލުމަށް ނިންމި ވަގުތަކީ، އެކަމަށް އެންމެ އެކަށީގެން ވާ ވަގުތޯ ނުވަތަ ނޫންތޯ ވިލަރެސް ކުރުމަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރާމްޕާއި މިހާރުގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރިތޯ އުފެދޭ ސުވާލެކެވެ. އުފެދިދާނެ އިސްތިރާޖީ ހައިޖާނަކާ މެދު، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކަމަށް ވަކާލާތު ކުރާ އެމެރިކާއިން ވިސްނިތޯ ކުރެވޭ ސުވާލެވެ.

ޓެރަރިޒަމާ ދެކޮޅަށް ކަމަށް ވިދާޅުވެ އަފްގާނިސްތާނުގައި ހަނގުރާމަ ފެއްޓެވި އެމެރިކާގެ ކުރިގެ ރައީސް ޖޯޖް ޑަބްލިއު ބުޝް / ފޮޓޯ: އޭބީސީ ނިއުސް

ބައިނަލްއަގުވާމީ މަސްރަހުގެ ހަރަކާތްތައް ދިރާސާ ކުރަމުން އަންނަ ފަރާތްތަކުން ބުނާ ގޮތުގައި، އަފްގާނިސްތާނުގެ "ދޮރުމަތީ" ގައި އޮތް ރަޝިއާއާއި ޗައިނާއަކީ އެމެރިކާގެ ބައިނަލްއަގުވާމީ އަދުއްވީ-ވާދަވެރިން ކަމު ވީ ހިނދު، އެ ގުޅުން އިންތިހާއަށް ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާއިން އަފްގާނިސްތާނު ދޫކޮށް ފޭބުމަކީ، އެމެރިކާއަށް އެޅުނު "ޅަ އެއްޗެކެވެ".

އެހެން ގައުމެއްގެ ފަސްގަނޑުގައި ގިނަ ބައެއްގެ ލޭ އޮހުރުވާ، އެތައް ބިލިއަން ޑޮލަރެއް ހަރަދު ކުރުމަށް ފަހުގައިވެސް، އެ ބަޔަކާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ކުރި ހަތިޔާރުއެޅި ހަނގުރާމަވެރިންގެ އަތް މައްޗަށް އަފްގާނިސްތާން ދޫކޮށްލުމަށްފަހު، އެމެރިކާއިން އަފްގާނިސްތާނުން ފައިބައިގެން ދިއުމުން، އެމެރިކާގެ ރައްޔިތުންވެސް ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. ބައިޑަންގެ ސަރުކާރުގެ މަގުބޫލު ކަމަށްވެސް އެކަމުން އަސަރު ކުރުވިއެވެ.