އެކި ކަހަލަ ބޭނުންތަކުގައި ވިސާ ނަގައިގެން މިވަގުތު ސްރީލަންކާގައި ތިބި ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތަށް، 30 ދުވަސް އިތުރު ކޮށްދިނުމަށް، ސްރީލަންކާގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް ނިންމަވައިފިއެވެ.

ސްރީލަންކާގައި މިވަގުތު ތިބި ބިދޭސީންގެ ވިސާގެ މުއްދަތަށް 1 މަސްދުވަސް އިތުރު ކުރުމަށް އެގައުމުން ނިންމާފައި ވަނީ، އެ ގައުމުގައި މިވަގުތު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރެމުން ދާ ގޮތަށް ބެލުމަށް ފަހުގައެވެ.

އެކި ބޭނުންތަކަށް ވިސާ ނަގައިގެން މިވަގުތު ސްރީލަންކާގައި ތިބި ބިދޭސީންގެ ވިސާގެ މުއްދަތު އިތުރު ކޮށްދީފައި ވަނީ ސެޕްޓެމްބަރު 7، 2021 އިން އޮކްޓޯބަރު 7، 2021 ގެ ނިޔަލަށެވެ.

ކޮވިޑް ކޭސްތައް ފެތުރެމުންދާ ގޮތަށް ބަލާ، ލަންކާއިން ވަނީ އެ ގައުމުގައި މިހާރު އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުހުލަތުވެސް ދަންމާލާފައެވެ. އެގޮތުން ސެޕްޓޭމްބަރު 13 ވަނަ ދުވަހުގެ ނިޔަލަށް މި އަމަރު ތަންފީޒު ކުރަމުން ދާނެ ކަން، ސްރީލަންކާގެ ހެލްތު މިނިސްޓަރު ކަހޭލިއާ ރަމްބުކްވެއްލާ ވަނީ އިއުލާން ކުރައްވާފައެވެ.

ސްރީލަންކާގެ ރައީސް، ގޮތަބާޔާ ރާޖަޕަކްސަގެ ތަރުޖަމާނު، ކިންގްސްލީ ރަތަނަޔަކަ ވިދާޅުވީ، ލޮކްޑައުންގެ މުހުލަތު ދަންމާލަން ނިންމެވި ނިންމެވުމަކީ ރައީސްގެ ނިންމެވުމެއް ކަމަށެވެ.

މިއީ މި ފަހަކަށް އައިސް ސްރީލަންކާއިން ފެންނަ ކޮވިޑް ކޭސްތައް އިތުރު ވަމުން ދިއުމާ ގުޅިގެން އިއުލާން ކުރި ލޮކްޑައުން މުހުލަތު، ވިދިވިދިގެން ދަންމާލި 2 ވަނަ ފަހަރެވެ.

ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކާއެކު ސްރީލަންކާއިން ކޮވިޑް ކޭސްތައް ފެންނަ މިންވަރު މިހާރު ވަނީ ދަށަށް ދާން ފަށާފައެވެ. މިދިޔަ 7 ދުވަހުގެ ތެރޭގައި އެ ގައުމުން 27237 ކޭސް ރިޕޯޓް ކުރިއިރު، އޭގެ ކުރީ ހަފުތާގައި 40495 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. މިއީ ގާތްގަނޑަކަށް 28 ޕަސެންޓްގެ މަދުވުމެކެވެ.

ސްރީލަންކާއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި މީގެ ކުރިންވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި ވާ ގައުމެކެވެ. މީގެ އިތުރުން ވެކްސިން ރޭހުގައިވެސް ސްރީލަންކާއިން ދަނީ ކުރި ހޯދަމުންނެވެ. އެގޮތުން، ހުއްދަ ލިބުނު ހާ އަވަހަކަށް، ސްކޫލް ކުދިންނަށް ފައިޒާ ވެކްސިން ޖަހައިދޭން ފެށުމަށް އެ ގައުމުން ވަނީ ނިންމާފައެވެ. އަދި ބޫސްޓާ ޑޯޒް ނުވަތަ 3 ވަނަ ޑޯޒް ދޭންޖެހޭ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖެއްސުމަށްވެސް އެ ގައުމުން ރާވަމުން އަންނަ ކަމަށް ހަބަރު ލިބެއެވެ.