ގްރޭޑް 5 ގެ ދިވެހި ފޮތުގައި އަޑުއެހުމުގެ ދޭހަ ފިލާވަޅުގައި "ސާރޭ ޖަހާނސެ އައްޗާ" މި ލަފްޒު ބޭނުންކޮށްފައި ވުމުން އާންމުންގެ ގިނަ ސުވާލުތަކެއް އެޑިއުކޭޝަނަށް އަމާޒުވެއްޖެއެވެ.

މި މައްސަލަ ފެންމަތިވެފައި މިވަނީ މިއަހަރުގެ ސްކޫލްތަކުގެ ކުދިންގެ ދަރިވަރުންގެ ފޮތްތަކުގައި ހުރި މައްސަލަތައް މިއަދު ހިއްސާ ކުރަމުން ދަނިކޮށެވެ. އެގޮތުން ގްރޭޑް 5 ގެ ދަރިވަރުންގެ ދިވެހި ފޮތުގައިވާ ދޭހަ ފިލާވަޅުގައި ހިންދޫންގެ ސަގާފަތާއި އާދަކާދަތައް ކިޔައިދޭން ބްރެކްޓް ކޮށްފައި "ސާރޭ ޖަހާނސެ އައްޗާ" ލިޔަން ޖެހުނު ސަބަބަކާ މެދު ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެ ފޮތުގެ 3.4.1 އަޑުއެހުން ފިލާވަޅުގެ ދަށުން ދަރިވަރުންނަށް ދީފައިވާ ތަމްރީނުގައި ހުސްތަންތަން ފުރިހަމަ ކުރަން 10 ސުވާލެއް ދީފައި ވެއެވެ. މި ތަމްރީނުގައި ދީފައިވާ ސުވާލުތައް ކިޔާލުމުން އެ އަޑުއެހުމުގެ ދޭހައިގައި ކުދިންނަށް އަޑުއިއްވާ އޯޑިއޯގައި ދެކެވޭނީ ކޮން ވާހަކަތަކެއް ކަން އެނގެން އޮވެއެވެ.

ސުވާލުތަކުން އެނގެން އޮންނަ ގޮތުގައި އެ ފިލާވަޅަކީ ހޮލީވުޑް އަދި ބޮލީވުޑްގެ ފިލްމުތައް ދިވެހިން ބަލާ ކަމާއި އެ ފިލްމުތަކުގެ ސަބަބުން ދިމާވާ ކަންކަމުގެ ވާހަކަތައް ދެކެވޭނެ އޮޑިއޯއެއް ކަން އެނގެއެވެ. ފިލްމުތައް ބަލައިގެން ކުރާ އަސަރުތަކާއި، ދިވެހިން އާންމުކޮށް ބަލާ ފިލްމުތަކާއި، ފިލްމް ބަލާ އޯޑިއަންސާއި އަދި ދިވެހިންގެ ސަގާފަތަށް އެކަމުން ކުރާ އަސަރާ ގުޅޭ ގޮތުން އެ ފިލާވަޅުގައި ސުވާލުތައް ވަނީ ލިޔެފައެވެ. ހަމައެއާއެކު އޭގެތެރެއިން 7 ވަނަ ސުވާލުގައި ވަނީ "ފިލްމް ބަލަން އާދަ ވެފައިވާ ދިވެހިންނަށް، ސާރޭ ޖަހާނސެ އައްޗާ ކިޔާލެވެ" އެވެ.

ދިވެހި ދަރިވަރުންނަށް ކިޔަވައި ދިނުމަށް އިންޑިއާ ޓީޗަރުން ގެންނަ މައްސަލަ މި އަހަރު ތެރޭ ހޫނު ވެފައި އޮއްވާ ފިލާވަޅުތަކުގައި އިންޑިއާގެ ސަގާފަތާއި އެމީހުންގެ ފިލްމުތަކުން ދައްކުވާ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވުމަކީ ބެލެނިވެރިން ކަންބޮޑުވާ މައްސަލަައެކެވެ. އެއީ ދިވެހިންނަށް ސްކޫލަތަކުގައި ކިޔަވައިދޭ ފިލާވަޅުތަކުގައި ހިމަނަން ކޮންމެހެން ޖެހޭ ބައެއް ކަމާ މެދުވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ދިވެހިންގެ ސަގާފަތް ދިރުވާ އާލާ ކުރާ ނަމަ އެހެން ބައެއްގެ ސަގާފަތުގައި ހިމެނޭ ކަންކަމުގެ ވާހަކަތައް ދައްކާ އެ ކަންކަން އުމުރުން 11 އަހަރުގެ ކުދިންގެ ސިކުނޑިތަކަށް ވެއްދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް ބައެއް ބެލެނިވެރިން ބުނެއެވެ. ސަބަބެއް ކަމަށް އެ ބެލެނިވެރިން ބުނެ އުޅެނީ، އެމީހުންގެ ދަރިނަނަކީ އެ ފަދަ ފިލްމަތައް ބަލައި އެ މަންޒަރުތަކާއި އަޑުތައް ވެސް ނުދައްކާ ގެންގުޅޭ ކުދިންނަށް ވީ އިރު ފިލާވަޅެއްގެ ސަބަބުން އެފަދަ ފިލްމުތައް ބަލަން ޝައުގުވެރިކަން އުފެދުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫނެވެ.

މިއީ ހިންދީ ސީރީސް އާންމުކޮށް އަޅުފައި ހުންނަ ގޭތަކުގައި އުޅޭ ކުދިންނާ ބެލެނިވެރިންނަށް މައްސަލައަކަށް ނުވިއަސް އެފަދަ ސީރީސް އަދި ފިލްމުތައް ނުދައްކާ ކުދިން ގެންގުޅޭ އާއިލާތައް ކަންބޮޑުވާ މައްސަލައެކެވެ. ތައުލީމް އުނގަންނައި ދިނުމުގައި ކުދިންނާ ނުގުޅޭ އެހެން ދީން ނުވަތަ ސަގާފަތްތަކުގެ ވާހަކަތައް ދެއްކުމާ ދެކޮޅަށް އަބަދުވެސް ގިނަ ދިވެހިން އަޑު އުފުލާ ހަދައެވެ.

ގްރޭޑް 5ގެ ދިވެހި ފޮތުގެ މައްސަލަ ފެންމަތިވީ އިރު މިއަދު ވަނީ ގްރޭށް 1 ގެ ޤުރުއާން ފޮތުގައި ދެ ސޫރަތެއް އޮޅުވާލާފައިވާ މައްސަލައަކާއި ގްރޭޑް 12 ގެ އިސްލާމް ދަރިވަރުންގެ ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ވެސް ފެންމަތި ވެފައެވެ.