އެމެރިކާއާއެކު ސޮއިކުރި ޑިފެންސް އެގްރީމެންޓު، "އެކްސަސައިޒް ލެންޓާން މެޓަލް" ގެ ދަށުން ދިވެހި 36 ސިފައިން ތަމްރީން ކޮށްފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑީފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މި ޕްރޮގްރާމްގައި އެމެރިކާގެ އަސްކަރިއްޔާގެ 11 އޮފިސަރުންގެ ޓީމުންވަނީ އެމްއެންޑީއެފްގެ ޖުމްލަ 36 ސިފައިން ތަމްރީނު ކޮށްދީފައި ވާ ކަމަށެވެ.
އެކްސާސައިޒް ލެންޓާން މެޓަލް ސީރީޒްގެ ފުރަތަމަ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހަވީރު ލ.ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ އެކްސާސައިޒް ލެންޓާން މެޓަލް އަކީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް އަދި ވަރުގަދަ އަސްކަރީ ގުޅުމުގެ މައްޗަށް އޮތް ހެއްކެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި މިދިޔަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވޯކް އެގްރީމެންޓުގެ ސަބަބުން ދިފާއީ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މިދިޔަ ބުރާސްފަތިދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އަށް ދިން ބޮމުގެ ހަމަލާތަކުގައި މިދުނިޔެ ދޫކުރި އެމެރިކާގެ ސިފައިންނާއި ޒަހަމްވި ސިފައިންގެ އާއިލާތަކަށް މިނިސްޓަރު މާރިޔާ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
މި ޖޮއިންޓް އެކްސާސައިޒްގައި ދަސްކޮށްދިން މުހިންމު ހުނަރުތަކުގެ ތެރޭގައި ކޮމްބެޓް މާކްސްމަންޝިޕް، ކައުންޓާ އައިއީޑީ އަދި މެރިޓައިމް އިންޓާޑިކްޝަން އޮޕަރޭޝަންސް ހިމެނެއެވެ. މީގެ އިތުރުން، ހިއުމަން ރައިޓްސްގެ ބައެއް ހިމަނާފައިވެއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ޔޫއެސް އާމްޑް ފޯސަސް ކޮންޓިންޖަންޓުގެ ޓީމް ކޮމާންޑާ ކެޕްޓަން ބެންޖަމިން ޒެއިސް އާއި ކޮންޓިންޖަންޓުގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.