އެމެރިކާގެ ތާރީހުގައިވެސް އެ ގައުމުން ކުރި އެންމެ ދިގު ހަނގުރާމަ ނިމުމަކަށް ގެނެސް، އަފްގާނިސްތާނުގެ ފަސްގަނޑު ދޫކޮށް، އެމެރިކާގެ އަސްކަރީ ފައުޖުތައް ފޭބުމާއެކު، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ޓެރަރިސްޓް ތޯލިބާނުން އުފާފާޅު ކުރަމުންދާ މި ދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑަން، އޭނާގެ ދިފާއީ އަންބާގެ އަޑުފުޅު އަނެއްކާވެސް ގަދަ ކުރައްވައިފިއެވެ.

އަފްގާނިސްތާނުގައި އެމެރިކާއިން ކުރި ވިއްސަކަށް އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނައިތާ އެއް ދުވަސް ފަހުން ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ، އަފްގާނިސްތާނުގައި މަޑުކޮށްގެން ތިބުމަކީ އެމެރިކާއަށް އޮތް ފުރުސަތެއް ނޫން ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ބައިޑަން ވަނީ، ތޯލިބާނުންގެ ހަރުކަށި ވަކިތަކުން ސަލާމަތް ވުމަށް އަފްގާނިސްތާނުން ފުރަން ބޭނުން ވެފައި ތިބި 120000 އަށް ވުރެ ގިނަ މީހުން، ރައްކާތެރި ކަމާއެކު، ވައިގެ މަގުން އިވަކުއޭޓް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި، އެމެރިކާގެ ފައުޖުތަކަށް ތައުރީފު ކުރައްވާފައެވެ.

އާ ސާސްކަފު ފެށުނު އިރު އަފްގާނިސްތާނުގައި މޫލައި ވަރުގަދަ ވެފައިވާ އަލް-ގައިދާ ޖަމާއަތުން ދިން ކަމަށް ބުނާ ސެޕްޓެމްބަރު 11 ގެ ހަމަލާއާ ގުޅިގެން، ޓެރަރިޒަމާ ދެކޮޅަށް އެމެރިކާއިން ވަރުގަދަ ހަނގުރާމައެއް އިއުލާން ކޮށް، އަފްގާނިސްތާނަށް އެރީ 2001 ވަނަ އަހަރުއެވެ. އެމެރިކާ ސިފައިން އަފްގާނިސްތާނަށް އަރާ، ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގައި ކުރަމުން ދިޔަ ވެރިކަމަށްވެސް ނިމުން ގެނެސް، ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގަންނަ ސަރުކާރަކަށް ފުރުސަތު ފަހިކޮށްދިނެވެ.

ހަރުކަށި ފިކުރުގައި ހައްދު ފަހަނަ އަޅާފައި ވާ ތޯލިބާން ހަނގުރާމަވެރިން ދަނީ، އެމެރިކާގެ ފައުޖުތައް އަފްގާނިސްތާނުން ފޭބުމަކީ ނަސްރެއް ކަމުގައި ދެކި، އެކަމުގެ އުފާ ފާޅު ކުރަމުންނެވެ.

ތޯލިބާނުންގެ ބާރު އަނެއްކާވެސް އިންތިހާއަށް ގަދަ ކުރަމުން އަންނަ ދަނޑިވަޅެއްގައި އެމެރިކާ ސިފައިން، މިހާ ކުއްލި ގޮތަކަށް އަފްގާނިސްތާނުން ފައިބަން ނިންމުމާއެކު، ގިނަ ބަޔަކު ދަނީ ބައިޑަންއަށް ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ. ބައިޑަންގެ ނިންމެވުމުގެ ނަތީޖާއަކަށް ވީ، މުޅި އަފްގާނިސްތާނު، ތޯލިބާނުންގެ މުށު ތެރޭގައި ގައިދުވުމެވެ. މުޅި އަފްގާނިސްތާނުގެ ކޮންޓްރޯލް، ތޯލިބާނުން ނެގީ އެންމެ 11 ދުވަހުގެ ތެރޭގައެވެ. މިއާއެކު، އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ ގާބިލިއްޔަތު ކަމާ، އެމެރިކާއިން ވިއްސަކަށް އަހަރު ވަންދެން އަފްގާނިސްތާނުގައި ކުރި މަސައްކަތަކާ ބެހޭ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ސުވާލު އުފައްދަމުންނެވެ.

ނަމަވެސް ބައިޑަން ގެންދަވަނީ، އޭނާގެ ނިންމެވުން، ތަކުރާރުކޮށް ދިފާއު ކުރައްވަމުންނެވެ. އަދި އެމެރިކާގެ ދިފާއަށްޓަކާ އަފްގާނިސްތާނުގެ ފަސްގަނޑުގައި އެމެރިކާގެ އަސްކަރީ ފައުޖުތައް ތިބެން ނުޖެހޭ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.