ފުލުހުންގެ 5 ރީޖަނަށް ވެރިން އައްޔަން ކޮށް، އިތުރު ބާރު ދޭން ނިންމާފައިވާ ކަމަށް މިނިސްޓާ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

އިމްރާން އެހެން ވިދާޅުވީ ނ. މާފަރު ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް ރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މުޅި ރާއްޖޭގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އިމްރާން ވަނީ އެރަސްމިއްޔާތުގައި އަލިއަޅުއްވާލައްވާފައެވެ.

އިމްރާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ އިރުޝާދަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރުމުގެ އިރުޝާދު ކަމަށެވެ.

އެއީ ވަރަށް ބޮޑު، އެކަމަށްޓަކައި ދައުލަތުން ވަރަށްބޮޑު ހޭދައެއްވެސް ކުރަން ޖެހޭކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ ހަމަޖެހުން ގާއިމް ކުރުމަށްޓަކައި ރައްޔިތުންގެ އިޖުތިމާއީ ގުޅުންތަކާއި، އިގްތިސާދު ސަލާމަތް ކުރުމަށްޓަކައި މިއަދުގެ ހާލަތުގައި ކޮންމެހެން ބޭނުން ވާތީވެ، އެކަން ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަހެއްހާ ދުވަހުގެތެރޭގައި މިހާރު ހިދުމަތް ދެމުންދާ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

އެގޮތުން މިހާރު ގާއިމް ކޮށްވިފައިވާ 7 ޑިވިޝަންގެ ބަދަލުގައި 5 ރީޖަން ކަނޑައެޅި، އެ ރީޖަންތަކަށް ކޮމާންޑަރުން ލައި، އެ ކޮމާންޑަރުންނަކީ އިތުރު ބާރާއި، ވަސީލަތްތަކާއި، ހިދުމަތް ދިނުމަށް ފަހިކޮށްފައިވާ އިސްފަރާތްތައް ކަމުގައި ހަމަޖެހިގެން ދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނާ ގާތުން ފުލުހުން ހިދުމަތް ދިނުމުގައި ފަސޭހަކަމާ، އަވަސް ކަމާއެކުގައި ނިންމަން ޖެހޭ މުހިއްމު ނިންމުންތައް ނިންމުން ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ނިންމުންތައް ނިންމާ ކުރިއަށް ގެންދަންޖެހޭ މުހިއްމު މަސައްކަތްތަކުގައި ރީޖަން ކޮމާންޑަރުން ވަރަށް ހުނަރުވެރިކަމާ، ގާބިލް ކަމާއެކުގައި ކުރިއަށް ދިއުމުގެ މަގު ތަނަވަސް ވެގެންދާނެ ކަމަށެވެ. އަދި ހުރިހާ ކަމެއްގައި މައި އިދާރާގެ މައްޗަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ކަންކަން އަވަހަށް ނިންމުމުގައި ފަސޭހަތަކެއް ލިބިގެން ދާނެކަން ވެސް އިމްރާން ފާހަގަ ކުރެއްވިއެވެ.

މީގެ ހަގީގީ ނަތީޖާއަކަށްވާނީ ފުލުހުންގެ ފަރާތުން ރައްޔިތުން އުއްމީދުކުރާ ހަގީގީ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދިއުން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އިމްރާން ވިދާޅުވީ އިންސާނީ މުޖުތަމައެއްގެ ސަލާމަތާއި، ރައްކާތެރިކަމާއި، މުޖުތަމައުގެ ހަމަޖެހުން ކަށަވަރުވެފައި އޮތުމުގެ އެންމެ މަތިވެރި ބަހާއަކީ އެމުޖުތަމައުގެ އެއްބައިވަންތަކަމާ، ބަދަހިކަން ކަމަށެވެ. އަދި މުޖުތަމައެއްގައި ބަދަހިކަމާއި، އެކުވެރިކަމާއި، އޯގާވެރިކަން އޮވެއްޖެނަމަ އެ މުޖުތަމައަކީ އަމާން ރައްކާތެރި ސުލްހަވެރި މުޖުތަމައެއް ކަމަށް އިމްރާން ވިދާޅުވިއެވެ.