އެމްއެމްޕީއާރްސީ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަނަވާ ބައެއް ފަނޑިޔާރުން ވާހަކަ ދައްކާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
އެމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފްއެވެ.
އެމައްސަލައަށް ބަހުސަށް ހުޅުވާލަން ވޯޓު ދިނީ އެންމެ 7 މެންބަރުންނެވެ. ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް 20 މެންބަރުން ވަނީ ވޯޓު ދީފައެވެ.
އެހެންކަމުން އެ މައްސަލައަށް ބަހުސް ނުކޮށް ބޭރުކޮށްލުމަށް ވަނީ ފާސްކޮށްފައެވެ.
އެ މައްސަލަ ޖޭއެސްސީ އިން ތަހުގީގުކުރަމުން އަންނައިރު، އެ އޯޑިއޯތަކަކަކީ އެ ފަނޑިޔާރުންގެ އަޑު ނޫން ކަމަށް ބުނެ އެ ފަނޑިޔާރުން ވަނީ އިންކާރު ކޮށްފައެވެ.
ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗުގައި ހިމެނިވަޑައިގެންފައިވާ ފަސް ފަނޑިޔާރުންގެ ތެރެއިން ލީކުވެފައިވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި އަދި ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެކެވެ.
ޖޭއެސްސީން ބުނީ، ގާޒީ ފާއިޒް އާއި އަލީ އާދަމް އަދި މުހައްމަދު ސަމީރު ފަރާތުން މައުލޫމާތު ސާފު ކުރުމުން އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އަދި އެފަދަ ވާހަކަތަކެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވެފައި ވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށް ވާ ގާޒީ އަލީ ރަޝީދު ހުސައިން އާއި އަހްމަދު ޝަކޫލް އާ ސުވާލު ކޮށްފަިއވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ. އަދި އެ ފަނޑިޔާރުން ވެސް އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރެއްވި ކަމަށް ޖޭއެސްސީން ބުނެއެވެ.
މީޑިއާގައި ދައުރުވާ އޯޑިއޯތަކުގެ އެނަލިސިސް ހަދަން ފުލުހުންގެ އިދާރާގައި ވާނީ އެދިފައި ކަމަށް ޖޭއެސްސީން ބުނެއެވެ. އަދި މި ތަހުލީލަށް އޯޑިއޯގައި ވާހަކަ ދެއްކި ކަމަށް ބުނާ ފަނޑިޔާރުން އޯޑިއޯ ސާމްޕަލް ދިނުމަށް ވެސް ވަނީ ރުހުން ދީފައި ކަމަށް ޖޭއެސްސީން ބުނެއެވެ.