ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިޔާ ސޯޝަލް ހައުސިން ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފަސޭހަކަމާ އެކު ފައިނޭންސިން ފޯރޮކޮށްދިނުމަށް ތައާރަފް ކުރި ހޯމް އިމްޕްރޫވްމަންޓް ލޯނާއި ފައިނޭންސިންއަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލުން ބުނީ ގެނެވުނު ބަދަލާއެކު، ކަސްޓަމަރުންނަށް މިހާރު އިތުރު ފަރާތަކާއެކު ލޯނަށް އެދި ހުށަހެޅޭނެކަމަށެވެ.
އެގޮތުން ލޯނަށް ހުށަހަޅާ ފަރާތަކީ އާމްދަނީ ލިބޭ ފަރާތަކަށް ވާންވާނެކަމަށާއި އާމްދަނީގެ ގޮތުގައި މުސާރަ، ކުލި، އަދި ވިޔަފާރިން ލިބޭ އާމްދަނީ ގެ އިތުރުން އެހެނިހެން އާމްދަނީވެސް ލޯނަށް ހުށަހަޅާއިރު ބަލައިގަންނާނެކަމަށް ބީއެމްއެލުން ބުނެއެވެ.
އެ ބޭންކުން ބުނީ ލޯނުގައި ބައިވެރިވާ އިތުރު މީހުންނަކީ ލޯނު ނަގާ ފަރާތް ނުވަތަ ފްލެޓްގެ ވެރިފަރާތާ އާއިލީ ގޮތުން ގުޅުން ހުރިފަރާތެއް ކަމުގައި ވާންވާނެ ކަމަށެވެ. އެގޮތުން މަންމަ، ބައްޕަ އަދި ކައިވެނީގެ ގޮތުން ގުޅުންހުރި ފަރާތްތަކާއި އެއްބަނޑު އެއްބަފާ މީހުންގެ އިތުރުން ދަރިންނާއި މާމަ، ކާފަ އަދި މާމަ ނުވަތަ ކާފަ ދަރިން ހިމެނިދާނެކަމަށް އެ ބޭންކުން ބުނެއެވެ.
ހޯމް އިމްޕްރޫވްމަންޓް ލޯނުގެ ދަށުން އައު ފްލެޓްތަކުގެ ފިނިޝިން އަދި ފަރުނީޗަރު ބޭނުންތަކަށް ކަސްޓަމަރުންނަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރާނެއެވެ.
ރަހުނަކާ ނުލާ ދޫކުރާ އެހެން ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށްވާ 12 ޕަސެންޓުގައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ތައާރަފް ކުރި ލޯނުގެ އިތުރުން، ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ އަމިއްލަ ފަރާތްތަކަށް އެ ގަނެފައިވާ ތަނުގެ ފިނިޝިން މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ބޭންކުން ތައާރަފް ކުރި ހޯމް އިމްޕްރޫވްމަންޓް ލޯން ޕްލަސް ލޯނަށްވެސް އެ ބަދަލުތައް ގެެނެސްފައިވާކަމަށް ބޭންކުން ވަނީ ބުނެފަައެވެ.
އެ ލޯނުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާއިރު އެއްވެސް ރަހުނެއް ބަހައްޓާކަށް ނުޖެހޭނެއެވެެ.
މި ލޯނު ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލާ ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށްވުރެ ދަށް އަދަދެއްކަމަށްވާ 12 ޕަސެންޓުގައެވެ.
މި ބަދަލުތައް ބީއެމްއެލް އިސްލާމިކް ގެ ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން އަދި ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން ޕްލަސް އަށް ވެސް ގެނެސްފައިވާކަމަށް ބީއެމްއެލުން ބުނެއެވެ.