އެމްއެމްޕީއާރްސީގެ މައްސަލައިގައި 5 އަހަރުގެ ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް ޖޮއިންޓް ކައުންސިލަށް ގަރާރެއް ހުށަހަޅާ ފާސްކޮށްފިއެވެ.
ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ބުނީ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއް ކަަމަށެވެ. އެ ކޯލިޝަނުންނާއި ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެ ވާހަކަ އެ ގޮތަށް ދައްކަމުން ދާކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.
މިރޭ ޕީޕީއެމް ޖޮއިންޓް ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ޔާމީނަށް ކުރި ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއް ކަމަށް ބުނެ އެމަނިކުފާނަށް ހުކުމް ކުރި ޝަރީއަތުގެ މަޖިލީހުގައި ތިއްބެވި ފަނޑިޔާރުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީންގެ މިއަދު ލީކްވި އޯޑީއޯ އިން އެކަން ވަރަށް ސާފުވެއްޖެ ކަމަށް އިދިކޮޅުގެ ލީޑާޝިފުން ބުނެއެވެ.
މިއަދު އާންމުވެފައިވާ އޯޑިއޯ ތަކަކުން، ޔާމީނުގެ މައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 3 ފަނޑިޔާރަކު އެ ހުކުމަކީ ގަދަ ބާރުން އެ ފަނޑިޔާރުންނަށް ބިރު ދައްކާ ނުފޫޒު ފޯރުވާ، ރަހީނުކޮށްގެން އަދި އޮޅުވާލައިގެން ކުރުވާފައިވާ ހުކުމެއް ކަމަށް އެ ފަނޑިޔާރުން ވެސް ގަބޫލު ކުރާ ކަން ހާމަވެ ސަރުކާރު ފަޟީހަތް ވެފައިވާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
އެ ހުކުމަކީ ގައިރު ގާނޫނީ ހުކުމެއް ކަމަށް ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތު ބުނަމުން ދާތީ، އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައެޅުމާ އެކު، މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
ނޮވެމްބަރު 28، 2019 ގައި ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަތީ ގާޒީ ހުސެއިން ފާއިޒުގެ އިތުރުން ރިޔާސަތު ބެލެހެއްޓެވި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމެވެ.
މިއަދު ވަނީ ގާޒީ ހުސެއިން ފާއިޒާއި އަލީ އާދަމް ކަމަށް ބުނާ ބައެއްގެ އޯޑިއޯއެއް ލީކް ވެފައެވެ. މީގެ ތެރެއިން ގާޒީ އަލީ އާދަމްގެ އޯޑިއޯގައި ގާޒީ ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ވާހަކަ ދައްކަވާ އަޑު އިވެއެވެ. އަލީ ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމްގައި އޮތް އެއްޗެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށާއި މައްސަލަ ހިންގެވި ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަމަށެވެ.
ހަމައެއާއެކު ގާޒީ ފާއިޒުގެ އޯޑިއޯގައި އޭނާ ވިދާޅުވީ، ސިޔާސީ މީހުން ނުހައްގުން ވިޔަސް ހައްގުން ވިޔަސް ޖަލަށް ލުމުން އެ މީހުންނަށް ލިބޭ ތާއީދު އިތުރުވާ ކަމަށެވެ. ހަމައެއާއެކު ރައީސް ޔާމީނަށް "ހުރިހާ ކަމެއް" އެނގޭ ކަމަށާއި ދެން އެހެން މީހުން މައްސަލަ ޖައްސަނީ ކީއްވެތޯ ފާއިޒު ސުވާލު ކުރެއްވިއެވެ. އަދި ޔާމީން ޖަލަށް ލާން ފާއިޒު ތާއީދު ކުރެއްވީ ޔާމީންގެ މަސްލަހަތުގައި ކަަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
މި މައްސަލަ މިހާރު ޖޭއެސްސީން ދަނީ ބަލަމުންނެވެ.