ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާ ކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

ކަޅުތުއްކަލާކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެ ރަސްމިއްޔާތުގައި އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ، އަލީ ނަސީރެވެ.

67 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވެ، 80 ދަރިވަރުން ހުވާކޮށްފައި ވާއިރު އޭގެ ތެރޭގައި ހަތް އަންހެން ސިފައިންނާއި 73 ފިރިހެން ސިފައިން ހިމެނެއެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ހިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރެވޭ ފެންވަރަށް އިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގާ ކޯހެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަސާސީ ތަމްރީނު ކޯހުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ގައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަހްލާގު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރި ވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ އިލްމާއި ހުނަރު އުނގަންނާ ދިނުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ރޭގެ ރަސްމިއްޔަތުގައި ކޯސް ފުރިހަމަ ކުރި ސިފައިންނަނަށް ބަޑި ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.