ރާއްޖޭގެ ފަރާތުން ޓޯކިއޯ ޕެރަލިމްޕިކްސް ކުޅިވަރުގައި ބައިވެރިވާ ފާތުމަތު އިބްރާހިމް އަދި މުހައްމަދު މާޒިން އަށް ރަނގަޅު ކާމިޔާބެއް ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، އެހެން ކޮންމެ ކަމެ ކޭވެސް އެއްފަދައިން ކުޅިވަރުގެ މައިދާނަކީ ވެސް ހުރިހާ އެންމެންގެ ބައިވެރިވުމާއި ޝާމިލުވުން އެކުލެވޭ މައިދާނަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ ޓޯކިޔޯ ޕެރަލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް ޕެރަލިމްޕިކް ޓީމެއް ބައިވެރިވުމަކީ ކޮންމެ ދިވެހި ރައްޔިތަކު ވެސް އިންތިހާއަށް ފަހްރުވެރިވާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޕެރަލިމްޕިކްސް މުބާރާތް މި މަހުގެ 24 ވަނަ ދުވަހު ފަށާފައިވާ އިރު، އެ މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށެވެ. މި މުބާރާތް ބާއްވާތާ 61 އަހަރު ވެފައިވާ އިރު، މި މުބާރާތުގައި ރާއްޖެއިން މި އަހަރު ބައިވެރި ވަނީ މުޅިން އަލަށެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރަނީ ދެ ދުވުންތެރިންނެވެ. އެއީ މުހައްމަދު މާޒިން އަދި ފާތިމަތު އިބްރާހިމް އެވެ.

ޕެރަލިމްޕިކްގައި ވާދަކުރާ މުހައްމަދު މާޒިން އަދި އޭނާގެ އެހީތެރިޔާ ސައިފް / ފޮޓޯ: ޕެރަލިމްޕިކް ކޮމިޓީ

ގޭމްސްގައި ރާއްޖެއިން ބައިވެރިވާ އެތްލީޓުންގެ ތެރެއިން މާޒިންގެ ގައިޑް ރަނާގެ ގޮތުގައި ބައިވެރިވަނީ މުހައްމަދު ސައިފް ޒާހިރެވެ. އަދި ފާތިމަތު އިބްރާހިމްގެ ގައިޑް ރަނާގެ ގޮތުގައި ބައިވެރިވަނީ ރަބާ އިސްމާއީލް އާސިފެވެ. ރާއްޖޭގެ ދެ އެތްލީޓުން ވެސް ވާދަ ކުރާނީ 100 މީޓަރު ދުވުމުގައެވެ.

މޮރިޝަސްގައި 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރެ ކެޓަގަރީގެ 100 މީޓަރު ދުވުމުން މާޒިން ވަނީ ލޯ މެޑަލްއެއް ހޯދައިފި އެވެ.