ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަކީ ލޯބިވާ އެތައް ބަޔަކު ދެތަން ކުރުވި ހަތުރެކޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ބެން ޖެކްސަނަކީވެސް ކޮވިޑާއެކު މިފަދަ ހިތްދަތި ވޭނެއް، އޭނާގެ މުޅި އުމުރަށް އުފުލަން މަޖުބޫރުވެފައި ވާ މީހެކެވެ. އޭނާގެ މުޅި އުމުރުގައިވެސް އެންމެ ލޯބިވި އެކަކާ، އެންމެ ފަހުގެ ވަދާއީ ސަލާމް ކޮށްލުމަށް އެޅުނު ހުރަހަކަށްވެސްވީ ކޮވިޑްގެ ބަލިމަޑުކަމާއި، އެ ބަލިމަޑުކަމާ ވިދިގެން އުފެދުނު "އާ އާންމު" ހާލަތެވެ.

ޖެކްސަންއަކީ އޮސްޓްރޭލިއާގެ ދަނޑުވެރިއެކެވެ. ނިއު ސައުތު ވޭލްސްގެ ދަނޑުގައި އޭނާ އަވަދިނެތި މަސައްކަތް ކުރަމުން ދިޔައިރު، އޭނާއާ ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އޮވެ، ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގޮސް، މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލީ ބޮޑުދައިތަ ޑެބީއެވެ. ބޮޑުދައިތަ ޑެބީ، އޭނާގެ ހަޔާތުގެ ފަހު ދުވަސްތައް ގުނީ ކުއީންސްލަންޑްގައެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރަން ތަންފީޒު ކުރަމުން ދާ ފިޔަވަޅުތަކާއެކު، ބޮޑުދައިތަގެ ޖަނާޒާގައި ބައިވެރިވުމަށް، ބްރިޒްބަންއަށް ދަތުރު ކުރުމުގެ ފުރުސަތުވެސް، ޖެކްސަންއަކަށް ނުލިބުނެވެ.

ބޮޑުދައިތައަށް އޭނާގެ ހިތުގައި ދެވިފައި އޮތް ހާއްސަ ލޯބި އަންގައިދިނުމަށް ޖެކްސަން މަސައްކަތް ފެށިއެވެ. މިކަމުގައި އޭނާ ބައިވެރި ކުރީ، އޭނާގެ ދަނޑުގައި ގެންގުޅޭ ނާމްސޫފީގެ ޖަނަވާރުތަކެވެ. ކަނބަޅި ބަކަރިތަކެވެ. މިކަން ކުރީ، ދަނޑުގައި ހިތެއްގެ ބައްޓަމަށް، ކަންބަޅި ބަކަރިތައް ތަރުތީބު ކޮށްގެންނެވެ. އެ ބައްޓަމަށް، ގޮވާން އަތުރާ، އެ ބަކަރިތަކަށް ކާންދީގެންނެވެ.

މިއީ އެއް ފަހަރުން ކާމިޔާބު ކުރި މަސައްކަތެއް ނޫނެވެ. ނަމަވެސް ޑްރޯން މެދުވެރިކޮށް ނަގާފައިވާ ވީޑިއޯތައް ބަލާލި ކޮންމެ މީހަކަށްވެސް އާދަޔާ ހިލާފު އުފާވެރި ކަމެއް ގެނުވާ މަސައްކަތެއްކަން ފާހަގަ ކުރަން ޖެހެއެވެ. ޖެކްސަންވަނީ ޖަނާޒާގެ ކުރިން، އޭނާގެ އާއިލާ މެންބަރުންނާ މި ވީޑީއޯ ހިއްސާ ކޮށްފައެވެ.

މިއީ މިފަދަ ގޮތަކަށް ޖެކްސަން ކުރި ފުރަތަމަ މަސައްކަތެއް ނޫނެވެ. މީގެ ކުރިންވެސް އޭނާ ވަނީ ކަންބަޅި ބަކަރި ބައިވެރި ކޮށްގެން އެކި ކަހަލަ ފަންނުވެރިކަން ދައްކާލާފައެވެ. މިއިން ކޮންމެ ކަމެއްގައި، އޭނާގެ އެންމެ ބޮޑު ފޭނަކީ، ކެންސަރު ބަލީގައި މި ދުނިޔެ ދޫކުރި ބޮޑުދައިތަ ޑެބީއެވެ.

ޖެކްސަންއާއި އޭނާގެ ބޮޑުދައިތަ އެންމެ ފަހުން ބައްދަލުވީ، މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެއީ ވަރުގަދަ ލޮކްޑައުންއަކަށް އޮސްޓްރޭލިއާ ދިއުމުގެ ކުރިންނެވެ.

ބޮޑުދައިތަގެ މޫނު، އެންމެ ފަހު ފަހަރަށް ހަމަލޮލުން ދެކިލުމުގެ ފުރުސަތު ގެއްލުމުން ތައްޔާރު ކުރި އަދަޔާ ހިލާފު "ލޯބި" ކުރެހުމަށް، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އޮސްޓްރޭލިއާގެ އެކި ޓީވީ ސްޓޭޝަންތަކުންވެސް މިމަންޒަރު ދައްކައެވެ. ޖެކްސަން ބުނާ ގޮތުގައި، މިއީ އޭނާގެ ބޮޑުދައިތަ މިއަދު ދުނިޔޭގައި ހުރިނަމަ، އިންތިހާއަށް ގަޔާވާނެ ކަމެކެވެ.