ފެލިވަރު ފިޝަރީޒް މޯލްޑިވްސް ހިމެނޭ ގޮތަށް ޖުމްލަ 9 ކުންފުންޏެއް އުވާލަން ސަރުކާރުން ނިންމައި އެ ކުންފުނިތަކުގެ ލިސްޓް ފިނޭންސް މިނިސްޓްރީން އާންމުކޮށްފިއެވެ.

މިނިސްޓްރީން މި ކުންފުނިތައް އުވާލުމަށް ނިންމާފައިވަނީ މި ކުންފުނިތަކުން ބޭކާރު ހަރަދުތައް ގިނަ ވުމުގެ ސަބަބުން ކަމަށް މައު ލޫމާތު ލިބެއެވެ.

ސަރުކާރުން އުވާލުމަށް ނިންމާފައިވާ ކުންފުނިތަކަކީ:

1. މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ލިމިޓެޑް (އެމްބީސީ)

2. ފެލިވަރު ފިޝަރީސް މޯލްޑިވްސް ލިމިޓެޑް

3. ކޫއްޑޫ ފިޝަރީސް މޯލްޑިވްސް ލިމިޓެޑް

4. މަޑިވަރު ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް

5. ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް

6. ވޯކްސް ކޯޕަރޭޝަން ލިމިޓެޑް

7. މޯލްޑިވްސް ރޯޑް ކޯޕަރޭޝަން ލިމިޓެޑް (އެމްއާރުޑީސީ)

8. ހަޒާނާ މޯލްޑިވްސް ލިމިޓެޑް

9. ނޭޝަނަލް އިންވެސްޓްމަންޓް ކޮމްޕެނީ ލިމިޓެޑް

ސަރުކާރުނ މި ކުންފުނިތައް އުވާލަން ނިންމާފައިވަނި ދާދިފަހުން އައިއެފް އިން ނެރުނު ރިޕޯޓެއްގައި، ސަރުކާރުގެ 5 ކުންފުންޏެއްގައި ހުރި ދަރަނީގެ އަދަދު 67 ބިލިއަން ރުފިޔާއަށް އަރާކަމަށް ބުނެފައި ވަނިކޮށެވެ. އަދި ސަރުކާރު ހިއްސާވާ 30 އަށްވުރެ ގިނަ ކުންފުނި އޮތް އިރު މި ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކަކީ ސަރުކާރުން ފައިސާ ހަރަދުކޮށްގެން ހިންގާ ކުންފުނިތަކެވެ.

އުވާލުމަށް ނިންމާފައިވާ ކުންފުނިތަކަކީ މީގެ 10 އަހަރު ކުރިން އެކި ސަރުކާރުތަކުން އުފައްދާފައިވާ ކުންފުނިތަކެވެ. އެގޮތުން އެމްބީސީ އަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑީއާ ހިންގުމަށް އުފެއްދި ކުންފުންޏެކެވެ. ހަމައެފަދައިން ފެލިވަރަކީ ވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ސަރުކާރުގެ މަސްކުންފުނި (މިފްކޯ) ބައި ކޮށްލުމަށްފަހު އުފެއްދި ކުންފުންޏެކެވެ.

އާރުޑީސީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. މި ކުންފުނި ރައީސް ޔާމީން ސަރުކާރުގައި ވެސް ވަނީ އުވާލަން ނިންމާފައެވެ.