ރާއްޖޭގައި ކޮވިޑް-19 އަށް ޖަހަމުން ގެންދާ ވެކްސިންގެ ތެރެއިން އެއްވެސް ވެކްސިނެއް ނުޖަހާ ތިބި އުމުރުން 60 އަހަރުންމަތީގެ މީހުންނަށް ފައިޒާ ވެކްސިން ޖަހަން އެޗްޕީއޭއިން ނިންމައިފިއެވެ.
އެޗްޕީއޭއިން ބުނީ އެއްވެސް ވެކްސިނެއް ނުޖަހާ ތިބި އުމުރުން 60 އަހަރުންމަތީގެ މީހުންނަށް ވެކްސިން ޖަހާނީ އެޗްޕީއޭގެ ވެކްސިން ޕޯޓަލް މެދުވެރިކޮށް އެޕްއިންޓްމަންޓް ހައްދައިގެން ކަމަށެވެ.
60 އަހަރުން މަރީގެ މީހުންގެ އިތުރުން މިހާރު ފައިޒާ ވެކްސިން ޖަހައިދެނީ، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނާއި މާބަނޑު މީހުންނަށާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ. އަދި ރާއްޖެއިން ބޭރަށް ކިޔަވަން ދާން ހަމަޖެހިފައިވާ ދަރިވަރުން ދާ ގައުމަކީ ފައިޒާ ވެކްސިން ނޫން ވެކްސިން ގަބޫލު ނުކުރާ ގައުމަކަށް ވާނަމަ އެ ދަރިވަރުންނަށް ފައިޒާ ވެކްސިން ޖަހައިދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ރާއްޖޭގައި މިހާރު ޖަހަމުން ގެންދަނީ އެމެރިކާއިން ލިބިފައިވާ 128،600 ޑޯޒްގެ ފައިޒާ ވެކްސިނާއި ސިނޯފާމްގެ އިތުރުން އެސްޓްރަޒެނެކާ ވެކްސިނެވެ. ރާއްޖޭގައި ވެކްސިން ޖެހުމަށް ހަމަ ޖައްސާފައިވާ އާބާދީގެ 80 ޕަސެންޓު މީހުންނަށް ވެކްސިން ޖަހާފައި ވާއިރު، ފައިޒާ ވެކްސިން ޖަހަމުން ގެންދާ މީހުންގެ ތެރެއިން ސްކޫލު ކުދިންގެ 50 ޕަސެންޓަށް މިހާރު ވަނީ ވެކްސިން ދީފައެވެ.
ރާއްޖޭގައި މިވަގުތު މުޅި އާބާދީއަށް ވާވަރަށް ވެކްސިން ހުރި އިރު، އެޗްޕީއޭއާއި ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކުގެ އިލްތިމާސް އަކީ ވެކްސިން ނުޖަހާ އެންމެން އަވަހަށް ވެކްސިން ޖެހުމެވެ.