ހ. އެރޯމާގޭގެ ތިރީގައި ހުންނަ ވޯކްޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 15:48 ހާއިރު ކަމަށެވެ. އަދި އަލިފާން ރޯވީ ލޮނުޒިޔާރަތްމަގުގައި ހުންނަ ޕިކްސީ މާ ވިއްކާ ފިހާރައިގެ ގުދަނުގައި ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި ތަނަކީ ޕިކްސީއާ ގުޅުން ހުރި ތަނެއް ނޫންކަމަށް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ހ. އެރޯމާ ގޭގެ ތިރީގައި ހުންނަ ވޯކްޝޮޕުން ދުންއަރަމުންދަނީ / ފޮޓޯ: ސޯޝަލްމީޑީއާ

މި ހާދިސާ ހިނގި ސަރަހައްދުގައި ހުރި މީހަކު ބުނީ ހ. އެރޯމާގޭ ތިރީގައި ހަދާފައިވާ ގުދަނެއްގެ ތެރެއިން ބޯ ކަޅު ދުން އަރަމުން ދާތީ އާންމުންނާއި ފުލުހުން ވެގެން އެ ގުދަނުގެ ރޯލާ ގޭޓް ހަލާކުކޮށްލުމަށް ފަހު ކައިރި ސަރަހައްދުތަކުން އަލިފާން ނިންވާ ފުޅި ހޯދާ، ބޭނުންކޮށްގެން ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި މިހާރު އެމްއެންޑީއެފް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއެވެ.

މިހާރު އަލިފާން ވަނީ ކޮންޓްރޯލް ކޮށްފައެވެ.