މުދާ ބަރުކޮށް، އުފުލާ ހަދާ ބަނދަރުތަކާއި، ކޮންޓޭނަރު އުޅަނދު ފަހަރާއި ޓްރަކް ދުއްވާ ކުންފުނިތަކުގެ ބޮޑު ނެޓްވޯކެއްގެ ހިނގުމަށް ބުރޫއަރާ، ދަންތުރައެއްގައި ޖެހިފައި ވާއިރު، ދުނިޔޭގެ ބާޒާރުގައި ޝިޕިންގްގެ އަގުތައް އިންތިހާ މައްޗަށް އުފުލެން ފަށައިފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި ދުނިޔެ އިނދަޖައްސާލިތާ 18 މަސްދުވަސް ފާއިތުވެގެން ގޮސްފައި ވާއިރު، ދުނިޔޭގެ ސަޕްލައި ޗޭނަށް ބުރޫ އަރަމުންދާ މައްސަލަ ދަނީ ގޯހުން ގޯހަށެވެ. އާންމު ބޭނުންތަކަށް އުފައްދާ މުދަލުގެ ސަޕްލައި ދަށްވެ، މުދާ ގެންދަން ޖެހޭ މަންޒިލަށް މުދާ އުފުލުމަށްޓަކާ، ކުންފުނިތަކުން ކުރަންޖެހޭ ހޭދަވެސް ދަނީ އިތުރު ވަމުންނެވެ.

ކުރިއަށް އޮތީ އަހަރު ނިމޭ ވިޔަފާރި މޫސުމަށް ވީ ނަމަވެސް، އެ ދުވަސްވަރު ވެގެންދާނީ ބާޒާރުގެ އަގުތައް އިންތިހާއަށް އުފުލިގެން ދާނެ ދުވަސްވަރަކަށް ކަމަށް ލަފާ ކުރެވެއެވެ. މަޝްހޫރު ބޮޑެތި ބްރޭންޑްތަކުން މިހާރުވެސް ވަނީ މިކަމަށް ސަމާލުވުމަށް އިންޒާރު ކޮށްފައެވެ.

ދުނިޔޭގެ ފެންވަރުގައި އޮޕަރޭޓް ކުރާ އެންމެ ބޮޑެތި ލޮޖިސްޓިކްސް ކުންފުނިތަކުގެ ތެރޭގައި ގުނާލެވޭ ސީއެޗް ރޮބިންސަންގެ ސީއީއޯ ބޮބް ބޭއިސްޓާފެލްޑް ވިދާޅުވީ، ދުނިޔޭގެ ސަޕްލައި ޗޭނަށް ކުރިމަތިލާން ޖެހިފައި ވާ ޕްރެޝަރެއް ލުއި ނުލިބޭ ކަމަށާ، އަވަސް މުސްތަގުބަލެއްގައި އެކަން ވާނެ ކަމަށްވެސް އުއްމީދު ނުކުރައްވާ ކަމަށެވެ.

ދުނިޔޭގެ ސަޕްލައި ޗޭނަށް މި ދުވަސްވަރު އެންމެ ބޮޑު ހުރަހެއް އެޅިފައި ވަނީ، ކޮވިޑް-19ގެ ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ޗައިނާގެ މައި ބަނދަރެއްގެ އޮޕަރޭޝަންތައް ހުއްޓާލަން ޖެހުމުންނެވެ. ބަނދަރު ބަންދު ކުރުމުގެ ސަބަބުން، ސީއެމްއޭ ސީޖީއެމް ފަދަ ބޮޑެތި ޝިޕިންގް ކުންފުނިތަކުން ވަނީ، އެ ބަނދަރާ ނުބެހި، ދަތުރުތައް އިންތިޒާމް ކުރުމަށް ޝެޑިއުލް ބަދަލު ކޮށްފައެވެ. އަދި މިކަމުގެ ސަބަބުސް މުދާ ލިބުމުގައި ލަސްތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރުވެސް އެ ކުންފުނިތަކުން ވަނީ ކަސްޓަމަރުންނަށް ދީފައެވެ.

ޗައިނާ މަގުން، އުތުރު އެމެރިކާގެ މަންޒިލްތަކަށް މުދާ އުފުލާ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ލަންޑަންގައި ހިންގާ ޑްރޫރީ ޝިޕިންގްގެ ވޯލްޑް ކޮންޓޭނާ އިންޑެކްސް ބުނާ ގޮތުން، އޯގަސްޓް 19 ވަނަ ދުވަހު ނިންމާލި ހަފުތާ ތެރޭގައި، ދުނިޔޭގެ އިރުން ހުޅަނގަށް މުދާ އުފުލާ 8 ރޫޓަކުން، 40 ފޫޓުގެ ކޮންޓޭނަރެއް އުފުލާ އަގު ވަނީ، 9613 ޑޮލަރަށް އަރާފައެވެ. މިއީ އޭގެ އަހަރެއް ކުރިއާ އަޅާ ބަލާއިރު 360 ޕަސެންޓް އިތުރުވުމެކެވެ.

ޗައިނާގެ ޝަންހާއިން ނެދަލަންޑްސްގެ ރޮޓަޑަމްއަށް 40 ފޫޓުގެ ކޮންޓޭނަރެއް އުފުލާ އަގު ވަނީ 13698 ޑޮލަރަށް އަރާފައެވެ. މިއީ 659 ޕަސެންޓްގެ އިތުރުވުމެކެވެ.