ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރަން މިހާރު ތަންފީޒު ކުރަމުންދާ 10 ދުވަހުގެ ލޮކްޑައުން ނިންމާ، އޯގަސްޓް 30 ވަނަ ދުވަހު ގައުމު ހުޅުވާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް، ސްރީލަންކާގެ ސްޓޭޓް މިނިސްޓާ އޮފް ފައިނޭންސް، އަޖީތު ނިވާދު ކަބްރާލް ވިދާޅުވެއްޖެއެވެ.
ނިވާދު ވިދާޅުވީ 10 ދުވަހުގެ ލޮކްޑައުން އާއެކު ލަންކާއަށް ކުރިމަތިލާން ޖެހޭ 150 ބިލިއަނެއްހާ ރުޕީޒްގެ ގެއްލުމާއެކު އަންނަ އިގުތިސޯދީ ހީނަރުކަމަކީ އެ ގައުމަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ހަލުވިކަމާއެކު ބަލިމަޑުކަން ފެތުރެމުން ދިޔައިރު، ގައުމު ބަންދު ކުރުމަކީ ލަންކާގެ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) އަށް ސީރިއަސް ގެއްލުންތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށް އިކޮނޮމިސްޓުން ނުވަތަ އިގުތިސޯދީ މާހިރުން ބުނަމުން ދިޔަ ކަން، ކަބްރާލް ވަނީ ފާހަގަ ކުރައްވާފައެވެ.
އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވެ، ލޮކްޑައުން ތެރޭގައިވެސް ކުރިއަށް ގެންދާ ވެކްސިން ކެމްޕޭނަށް ފަރުވާތެރިވުމަށް، ސްޓޭޓް މިނިސްޓަރު ވަނީ ލަންކާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
އޯގަސްޓް 30 ވަނަ ދުވަހަށް ފަހު ލޮކްޑައުން ދަންމާލަން އަދި ނިންމާފައި ނުވާ ކަމަށާ، އެކަން އެގޮތަށް ކުރަން ޖެހިއްޖެ ނަމަ، ތަހައްމަލު ނުކުރެވޭ ވަރުގެ ގެއްލުންތަކެއް، ލަންކާގެ އިގުތިސޯދަށް ކުރިމަތި ވާނެ ކަމުގެ އިންޒާރުވެސް ކަބްރާލް ވަނީ ދެއްވާފައެވެ.
ކޮވިޑް-19ގެ ސަބަބުން ލަންކާއަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާއިރު، ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުން ވަނީ، މި ހިނގާ އޯގަސްޓް މަހުގެ މުސާރަ، ހެލްތުކެއާ އެންޑް ސޯޝަލް ސެކިއުރިޓީ ފަންޑަށް ހަދިޔާ ކުރައްވަން ނިންމަވާފައެވެ. މިއީ ބޮޑުވަޒީރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އިސްނެންގެވުމަކަށް، ވަޒީރުން ނިންމެވި ނިންމެވުމެކެވެ.