ހުރިހާ ކޮޅަކުން ފިއްތާލާފައިވާ ގައްޒާއާއި މިސްރު ގުޅާލަދޭ ރަފަހަ ބޯޑަރު ސަރަހައްދު، މިއަދުން ފަށައިގެން ބަންދުކުރާނެ ކަމަށް މިސްރުގެ ސަލާމަތީ މަސްދަރުތަކުން ހާމަކޮށްފިއެވެ.

މިއަދުން ފަށައިގެން ރަފަހަ ބޯޑަރު ބަންދު ކުރަނީ ކިހާ މުއްދަތަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ބުނީ، ރަފަހު ބޯޑަރު ސަރަހައްދުން ވަދެ ނިކުމެވެން އޮންނަ މަގުތައް ބަންދު ކުރާކަން މިސްރުން އަންގާފައި ވާ ކަމަށެވެ.

މިސްރުގެ ސަލާމަތީ މަސްދަރުތަކަކާ ހަވާލާދީ ރޮއިޓާޒް އިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ބޯޑަރު ބަންދު ކުރަނީ، އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު މިދިޔަ ހޮނިހިރު ދުވަހު ބަދަލު ކުރަން ފެށި ހަމަލާތަކުގެ ސަބަބުން، ސަލާމަތީ ސަބަބުތަކަށް ބެލުމަށް ފަހުގައެވެ.

ރަފަހަ ބޯޑަރަކީ، ގައްޒާއިން މިސްރަށް ދެވެން އޮންނަ ހަމައެކަނި މަގެވެ. އިޒްރޭލުން ގައްޒާއަށް އަޅަމުންދާ ހުރަސްތަކާއެކު، ގައްޒާއަށް ވަދެ ނިކުމެ އުޅުން ވަނީ މުޅިންހެން ބަންދުވެފައެވެ.

މުއްދަތެއް ނެތް ގޮތަށް މިސްރުން ރަފަހަ ބޯޑަރު ހުޅުވާލީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ. މިސްރުން މިކަން ކުރީ، އެ ވަގުތު، މިސްރުގެ ގާހިރާއަށް ދަތުރު ކުރަމުން ދިޔަ ފަލަސްތީނުގެ ފެކްޝަންތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

މި އަހަރުގެ މެއި މަހު، އިޒްރޭލާއި ގައްޒާއާ ދެމެދު ކުރި 11 ދުވަހުގެ ހަނގުރާމައިގެ ތެރޭގައިވެސް މިސްރުން، ރަފަހަ ބޯޑަރު ބަންދު ކޮށްފައެއް ނުވެއެވެ. އިޒްރޭލާއި ގައްޒާއާ ދެމެދު ސުލްހަ ގާއިމު ކުރުމަށް ކުރި މަސައްކަތްތަކަށް ފަހު، އުމްރާނީ ބިނާވެށީގެ ސާމާނު އުފުލުމަށާއި އެހީގެ ތަކެތި ގެންދިއުމަށް، މިސްރުން އޮތީ ރަފަހު ބޯޑަރު ހުޅުވާލާފައެވެ.

ކަންމިހެން އޮތްއިރު، ފަލަސްތީނުގެ ރައްޔިތުން ވަނީ އިޒްރޭލާ ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި އިޒްރޭލުން އަޅަމުންދާ ހުރަސްތަކާ ދެކޮޅަށް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ. އަދި 11 ދުވަހުގެ ހަނގުރާމާގައި ލިބުނު ގެއްލުންތަކުން އަރައިގަނެ، ގައްޒާ އާރާސްތު ކުރުމަށް ބޭނުންވާ ސާމާނު އެތެރެ ކުރެވޭނެ މަގު ތަނަވަސް ކުރުމަށް ޑިމާންޑް ކުރަމުން ދާނެ ކަމަށްވެސް ގައްޒާއިން ވަނީ ބުނެފައެވެ.