ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ވޯލްޑް ހިއުމަނިޓޭރިއަން ޑޭ ފާހަގަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޖުތަމައަށް އެހީތެރިވުމަށް ހަ ރަށެއްގައި އިޖުތިމާއީ ހަރަކާތްތަކެއް ހިންގައިފިއެވެ.

ބީއެމްއެލްގެ އަތޮޅުތަކުގައި ގާއިމް ކޮށްފައިވާ ބްރާންޗްތަކުގެ މުވައްޒަފުން އިސް ނަގައިގެން ހަރަކާތްތަކެއް ހިންގީ ށ. ފުނަދޫ އާއި ނ. މަނަދޫ އާއި ފ. ނިލަންދޫ އާއި ތ. ގުރައިދޫ އާއި ގދ. ތިނަދޫ އަދި އައްޑު އަތޮޅުގެ ރަށްތަކުގައެވެ.

އެ ހަރަކާތްތަކުގެ ތެރޭ ފުނަދޫގެ ބަނދަރު ސަރަހައްދުގައި ހަޓެއް ތަރައްގީ ކޮށްފައިވެއެވެ. މަނަދޫގެ އަތިރިމަތީގައި 25 ޖޯލި ބަހައްޓައި ކުޑަކުދިން ބޭނުން ކުރާނެ އުނދޯލި ވަނީ ހަރުކޮށް ނިލަންދޫ ބީޗް ސަރަހައްދުގެ ޖޯލިތައް ބަދަލުކޮށް، ޑަސްބިން ބަހައްޓައި، މޫދަށް ދާ މީހުން ފެންވެރުމަށް ހާއްސަ ތަނެއް ގާއިމް ކުރުމާއެކު ބާބަކިއު ސްޓޭންޑް ބަހައްޓާފައިވެއެވެ.

މީގެ އިތުރުން ގުރައިދޫގެ ޔޫތް ސެންޓަރުގެ އެތެެރެ އާއި ބޭރު ފާރުތަކުގައި ކުލަލައި ލައިޓްތައް ބަދަލު ކުރުމާއެކު ތިނަދޫގެ މިއުޒިއަމް ޕާކްގައި ކުލަލައި ރީތި ކުރި އެވެ. އަދި އައްޑޫ ސިޓީގެ ހަންކެޑަ ޕިކްނިކް ސަރަހައްދު ސާފުކޮށް ޑަސްޓްބިން ބަހައްޓައިދިނެވެ.

ބީއެމްއެލްގެ ބްރާންޗްތަކާއި، ބީއެމްއެލްގެ ވޮލަންޓިއަރުން އިސް ނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކަކީ މުޖުތަމައުގެ ލާބަ އާއި މަންފާއަށް ހިންގި ހަރަކާތްތަކެއް ކަމަށް އެ ބޭންކުން ބުންޏެވެ.