ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޮނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރު ވަމުން އަންނަ އަވަށްޓެރި ސްރީލަންކާގައިވެސް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒްއެއް ނުވަތަ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ ފަރާތްތަކަށް އިތުރު ޑޯޒްއެއް ޖެހުމަށް ރާވަމުން އަންނަ ކަމަށް ހަބަރު ލިބިއްޖެއެވެ.

ލަންކާ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ސްރީލަންކާގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް އިން ވަނީ، ސިއްހީ ހިދުމަތްތެރިންނަށް ބޫސްޓާ ޑޯޒް ޖަހައިދިނުމަށް އެދި، އެ ގައުމުގެ ސަރުކާރުގައި މަސައްކަތް ކުރަމުން އަންނަ މެޑިކަލް އޮފިސަރުންގެ ޖަމިއްޔާއިން ހުށަހެޅި ޕްރޮޕޯސަލް ބަލައިގެންފައެވެ.

މި މެޑިކަލް އޮފިސަރުންނަކީ، ސްރީލަންކާއަށް މިހާރު ކުރިމަތިލާން ޖެހިފައި ވާ ކޮވިޑް ސާޖުގައި އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައި ވާ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާއިން ސިއްހީ ހިދުމަތްތެރިންނަށް ބޫސްޓާ ޑޯޒް ޖަހައިދޭން ވިސްނާފައި ވަނީ، 2 ވަނަ ޑޯޒް ފުރިހަމަ ކޮށް، 5 މަސް ދުވަސް ހަމަވެފައިވާ މީހުންނަށް ކަމަށް މައުލޫމާތު ލިބެއެވެ.

މި ދަނޑިވަޅަކީ، މުއްސަނދި ގައުމުތަކުން 3 ވަނަ ޑޯޒްއެއް ޖެހުމުގެ ކެމްޕޭން ވަރުގަދަ ކުރަމުން އަންނަ ދަނޑިވަޅެކެވެ. އިޒްރޭލުން ވަނީ ބޫސްޓާ ޑޯޒް ޖަހަންވެސް ފަށާފައެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، ސެޕްޓެމްބަރު މަސް ނިމެންދެން މި މަޝްރޫއު މަޑުޖައްސާލަ ދިނުމަށް އެދިފައެވެ. އެހެނީ، ބައެއް ގައުމުތަކަށް ވެކްސިންގެ ފުރަތަމަ ޑޯޒްވެސް ނުލިބި އޮތުން ކަމަށް އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ.

މި ވަގުތަކީ ސްރީލަންކާގައި ކޮވިޑް ކޭސްތައް އިތުރު ވަމުން ދިއުމުގެ ސަބަބުން އެ ގައުމު ލޮކްޑައުން ކޮށް، ކަރަންޓީނު ކާފިއު އިއުލާންކޮށް ތަންފީޒު ކުރަމުން ދާ ވަގުތެކެވެ. ފާއިތުވީ 7 ދުވަހުގެ ތެރޭގައި ސްރީލަންކާއިން ސާމްޕަލެއް ޕޮޒިޓިވްވެފައި ވާއިރު، ހަފުތާއިން ހަފުތާއަށް ކޭސް އިތުރުވީ ނިސްބަތުން، މިއީ 32 ޕަސެންޓް އިތުރު އަދަދެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.