ހުޅުމާލޭގައި ހުރިހާ ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމަށް ސަރުކާރުން ފުރުސަތު ފަހިކޮށްދީފައިނުވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު އެހެން ވިދާޅުވެފައިވަނީ ހުޅުމާލޭގެ ތަރައްގީގެ ޕްލޭން އެކުލަވައިލުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޑރ.މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި ހުރިހާ ރަށްވެހިކަމުގެ ހިދުމަތްތައް ދިނުން ގާނޫނުން ސިޓީ ކައުންސިލުގެ މައްޗަށް ލާޒިމުކުރާ ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް ސަރުކާރުން ފުރުސަތު ފަހިކޮށްދީފައިނުވާ ކަން ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ.

އަދި ހުޅުމާލެއަށް ހުރިހާ ހިދުމަތެއް ދިނުމަށްޓަކައި އެ ފުރުސަތު ދެއްވުމަށް ރައީސް އިބްރާހިމް ސޯލިހާ ބައްދަލުކުރައްވާ އެދިވަޑައިގަންނަވާފައިވާ ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެއްވެސް ގާނޫނީ ހަމައެއް މި އުޑުދަށަކު ނޯންނާނެ މިކަން ކުރުމަށް ސިޓީ ކައުންސިލަށް ހުރަސް އަޅަން ޖެހޭ. އަޅުގަނޑުމެންނަށް އޮތީ ދެ ގޮތެއް، ގާނޫނު ބަދަލުކުރައްވަންވީ ނޫނީ އިހުތިސާސް ބަދަލުކުރައްވަންވީ. ކޮންމެވެސް އެއްގޮތެއް އެބަ ވާންޖެހޭ،
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ޑރ. މުއިއްޒު ވިދާޅުވީ ހުޅުމާލެ، މާލެ ސިޓީ ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެއް ނަމަވެސް، ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ މިލްކެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދީފައިވާ ތަނެއް ކަމަށެވެ.

އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެއްގައި އެއްވެސް މަޝްރޫއުއެއް ހިންގޭނީ ކައުންސިލަށް އެނގިގެން ކަމަށް ގާނޫނުގައިވާ ބަޔާންކޮށްފައިވާ ކަމަށް ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ.

ނަމަވެސް އެޗްޑީސީން ނާންގާ ހުޅުމާލޭގައި އެތައް މަޝްރޫއެއް ހިންގަމުން އަންނަ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.