ހދ. ހަނިމާދޫ ފަޅުގައި ތިން ރިސޯޓް ތަރައްގީ ކުރާނެ ކަމަށް އެ ކައުންސިލްގެ ރައީސް އަބްދުލްސައްތާރު ހަސަން ވިދާޅުވެއްޖެއެވެ.

ސައްތާރު މިހެން ވިދާޅުވީ ފަތުރުވެރިކަން ޕްރޮމޯޓު ކުރަން، އުތުރުގެ ރަށްތަކަށް ޓޫރިޒަމް މިނިސްޓްރީން ކުރާ ދަތުރުގެ ތެރެއިން، ރޭ ހަނިމާދޫ ބޭއްވި ޖަލުސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ސައްތާރު ވިދާޅުވީ ހަނިމާދޫ ފަޅުގައި ރިސޯޓު ހެދުމަކީ މި ދައުރުގައި ކައުންސިލުން ކުރަން ގަސްދުކުރާ ކަމެއް ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ހުވަފެނެއް ކަމަށް ވެސް ސައްތާރު ވިދާޅުވިއެވެ.

އެގޮތުން މަދު ވެގެން ތިން ރިސޯޓު ހަނިމާދޫ ފަޅުތެރޭގައި ތަރައްގީ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސައްތާރު ވިދާޅުވިއެވެ.

ސައްތާރު ވަނީ މި ދައުރު ނިމެން ވާއިރަށް މަދުވެގެން 1،000 ޓޫރިސްޓު އެދު ހަނިމާދޫގައި ގާއިމްވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ ބައިވެރިވެވަޑިގެންފައެވެ.