ރޭ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ވައްކަން ކުރަން އުޅުނު މީހަކު ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން އަތުލައިގެން މީހާގެ ވީޑިއޯ މީހަކު ވަނީ ސޯސަލް މީޑިޔާގައި ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި އެ މީހާ ބުނަމުން ދަނީ އެ މީހާ އެތަނަށް ދިޔައީ ކުރީ ރޭގައި ފުރާޅުމަތީ ބާއްވާފައި ދިޔަ ޖިންސާއި ޓީޝާޓު ބަލާ ކަމަށެވެ. އަދި ލާނެ އެއްޗެއް ވެސް ނެތް ކަމަށާއި، އެތަނަށް ދިޔައީ އެހެންވެގެން ކަމަށެވެ.

އާރްޑީސީގެ އޮފީހުގެ ފުރާޅުން ޓިނު ނަގައިގެން ސީލިންގެ ހަލާކުކޮށްލައިގެން މި މަހުގެ 16 ވަނަ ދުވަހު ވަނީ ވައްކަން ކުރަން ވަދެފައެވެ.

މޯލްޑިވްސް ޝިޕިންގް ލިމިޓެޑުގެ އިމާރާތުގައި ހިންގާ އާރްޑީސީގެ އޮފީހަށް މި އަހަރު އޭޕްރިލް މަހު ވެސް ބަޔަކު ވަދެ 100،000 ރުފިޔާ ވަގަށް ނެގިއެވެ. އޭގެ ހަފްތާއެއް ފަހުން އަނެއްކާ ވެސް އެ އޮފީސް ފަޅާލައި 3000 ރުފިޔާ ވަނީ ވަގަށް ނަގާފައެވެ.

އާރްޑީސީ ގެ އޮފީސް ފަޅަމުން ދަނީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވަނީ ތުހުމަތު ކުރައްވާފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ އާރްޑީސީގެ އޮފީސް ފަޅާ މައްސަލައާ ސިޔާސީ ބަޔަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

މިއަދު ވީޑިއޯ ސޯސަލް މީޑިޔާގައި ހިއްސާކުރި މީހާ ވަނީ އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދަށާއި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި މޫކޭ އަށް ޓެގް ކޮށް އެ މީހާ އަކީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މީހެއްތޯ އަހާ ސުވާލު ކޮށްފައެވެ.

އޭރު ހިނގި ވައްކަންތަކާ ގުޅިގެން ވެސް އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް އެނގިފައެއް ނުވެއެވެ.