ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އެ ޖަމާއަތުގެ ފުރަތަމަ ކޯޕަރޭޓް މެންބަރު ކަމުގައިވާ، ދިރާގުން މި އަހަރު ވެސް އެ ޖަމާއަތުގެ ކޯޕަރޭޓް މެންބަޝިޕް އާކޮށް ދިވެހި ރެޑް ކްރެސެންޓުން ދޭ ހިދުމަތްތަކުގައި އެހީތެރިވާން ނިންމައިފިއެވެ.

ދިރާގުން ބުނީ، މިކަމުގެ ސަބަބުން ދިވެހި ރެޑްކްރެސެންޓާއި ދިރާގާއި އޮންނަ ގުޅުން ވަރުގަދަ ވެ ކުރިއަށް އޮތް ތަނުގައި ދިވެހި ރެޑްކްރެސެންޓުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމަށް ލިބިގެންދާނެ ކަމަށެވެ. ދިވެހި ރެޑް ކްރެސެންޓަށް 12 އަހަރު ފުރުން ފާހަގަކޮށް މިއެއްބަސްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ދިރާގުގެ މައި އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ރެޑްކްރެސެންޓްގެ އަމީން އާންމު ފާތިމަތު ހިމްޔާ ވިދާޅުވީ، ވިޔަފާރި ކުންފުނިތަކަށް ހާއްސަކޮށް ހުޅުވާލެވިފައިވާ ކޯޕަރޭޓް މެންބަޝިޕް ފުރުސަތުގައި ދިރާގުން ބައިވެރިވެ މިކަމުގައި ކުރިއަށް ދިއުމަށް ނިންމުމަކީ ދިވެހި ރެޑްކްރެސެންޓަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ދިރާގުގެ އިސްނެގުމާ އެކު އާ ކުރެވުނު މެންބަޝިޕްގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑްކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ. މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީން ކުރުވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑްކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްގީ ކުރުމަށް ވެސް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ހިމްޔާ ވިދާޅުވިއެވެ.

"ދިވެހި ރެޑް ކްރެސެންޓުން ކުރައްވާ އަގުހުރި މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި އެކި ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ދިވެހި ރައްޔިތުންނަށް ވަރުބަލިކަމެއްނެތި އޯގައިތެރިކަމާއިއެކު ވަމުންދާ އެހީ ފާހަގަކޮށް މި ފުރުސަތުގައި އަގުވަޒަންކުރާކަން"
ދިރާގުގެ ޑިރެކްޓަރ ކޯޕަރޭޓް ސާވިސް އާތިފާ އަލީ

ނިމިދިޔަ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ވެގެންދިޔައީ ކޮވިޑް 19ގެ ހާލަތުން އަރައިގަތުމަށް ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން ދިވެހި ރެޑްކްރެސެންޓުން ކުރިއަށް ގެންދިޔަ ވަރަށް ގިނަ މަސައްކަތްތަކުގައި ދިރާގުގެ އެހީތެރިކަން ލިބުނު އަހަރު ތަކަކަށެވެ. މިގޮތުން ދިވެހި ރެޑްކްރެސެންޓުން ނަފްސާނީ އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށް ދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ދިރާގުން ވަނީ ގާއިމް ކޮށްދެއްވާފައެވެ.

އަދި ކޮވިޑް19 ގެ ކަންކަމާ ގުޅޭ ޓެލެކޮމިއުނިކޭޝަން ހިދުމަތްތަކާއި އެހެނިހެން ހިދުމަތްތަކަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ދިރާގުން ފޯރުކޮށްދޭ މިފަދަ އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައި އާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހި ވެގެންދާނެ ކަަމަށް ދިރާގުން ބުނެއެވެ.