މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާއަށް މަސްތުވާ އެއްޗެއް ދީ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
13 އަހަރުގެ ކުއްޖާ މަރާލި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގަިއ ވާހަކަ ދައްކަވަމުން ޝާމީމް ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ މައްޗަށް 7 ބާވަތެއްގެ 13 ދައުވާއެއް ކުރާ ކަމަށެވެ. މި މައްސަލައިގައި ކުޑަކުއްޖަކު ގެންގުޅެގެން ކުށެއް ކޮށްފައިވާ ކަމަށާއި، އެ ކުއްޖާ މަރާލުމަށް ފަހު ވެސް މައްޔިތާގެ ހަށިގަނޑަށް ގެއްލުންތަކެއް ދީފައިވާ ކަމަށް ވެސް ޝަމީމް ވިދާލުވިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން (27 އަހަރު) ފިރިހެން މީހާގެ މައްޗަށް ކުރެވޭ ދައުވާ ތަކާ އެކު އޭނާގެ މައްޗަށް 100 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ ކަަމށް ޝަމީމް ވިދާޅުވިއެވެ. 27 އަހަރުގެ ފިރިހެންމީހާގެ މައްޗަށް ސާބިތުވާ ކުށަކީ ހަމައެކަނި މި މައްސަލައިގައި ކުރާ ދައުވާތަކެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. މި މައްސަލައިގައި ތަހުގީގު ކުރަމުން ދަނިކޮށް އޭނާގެ އިތުރު މައްސަލަތަކެއް ފެނިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ޑީއެންއޭ ހެކިވެސް ލިބިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އިބްރާހިމް ޒިހާން އަކީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައި، ހުކުމެއް ކުރެވެންދެން ގޭބަންދު އަމުރެއް އޮތް މީހެކެވެ. އެ ނޫނަސް އޭނާ އަކީ ނުރައްކާތެރި ކުށްތަކެއްގެ ރެކޯޑު އޮންނަ މީހެކެވެ.
13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 20 ވަނަ ދުވަހުގައެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގައި ޒިހާން ހައްޔަރު ކުރީ ގެސްޓްހައުސް އެއްގައި ހުއްޓައި ފުލުހުން އެތަނަށް ވަދެއެވެ.