އެމެރިކާގެ އެންމެ ރައްޔިތަކުވެސް އަފްގާނިސްތާނުގައި ނުބަހައްޓާނެ ކަމަށާ، ތޯލިބާނުން ކޮންޓްރޯލް ނަގާފައި ވާ އަފްގާނިސްތާނުން ފައުޖުތައް ބާލަން ކަނޑައެޅި ސުންގަޑި ހަމަވި ކަމުގައި ވީ ނަމަވެސް، އެންމެ ފަހު ރައްޔިތު މީހާ ބޭލެންދެން، އެމެރިކާގެ ފައުޖުތައް އަފްގާނިސްތާނުގައި ތިބޭނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން ވިދާޅުވީ އެމެރިކާގެ ރައްޔިތުންނާއި، އެމެރިކާ ސިފައިންގެ އިތުރުން އެމްބަސީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ގައުމުން ބޭލުމުގެ މަސައްކަތަށް، ތޯލިބާނުން އެއްބާރުލުން ދެމުން ދާ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން ދަނީ އަފްގާނިސްތާނުގައި ތިބި އެ ގައުމުގެ ރައްޔިތުން، ރައްކާތެރި ކަމާއެކު އަފްގާނިސްތާނުން ބޭލުމުގެ މަސައްކަތް، ކެނޑިނޭޅި ކުރަމުންނެވެ. އެމެރިކާއިން ވަނީ އަފްގާނިސްތާނުގެ ވެރިރަށް، ކާބުލްގައި ހިންގަމުން ދިޔަ އެމެރިކާ އެމްބަސީގެ މަސައްކަތްތައް، ހާމިދު ކަރުޒާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލު ކޮށްފައެވެ.

އެއާޕޯޓްގެ ކޮންޓްރޯލް އަދި އޮތީ ދާދި ފަހުން އެމެރިކާއިން ފޮނުވި އެ ގައުމުގެ އަސްކަރީ ފައުޖުތަކުގެ ބާރުގެ ދަށުގައި ކަމަށް ހަބަރު ލިބެއެވެ. އެމެރިކާއިން ދަނީ އެ ގައުމުގެ ރައްޔިތުންގެ އިތުރުން، އަފްގާނިސްތާނުގެ ރައްޔިތުންވެސް އެހެން ގައުމުތަކަށް އުފުލުމުގެ މަސައްކަތް ކުރަމުންނެވެ.

އެމެރިކާ ޕާސްޕޯޓް އޮންނަ މީހުންނަށް ކާބުލް އެއާޕޯޓަށް ދެވޭއިރު، ގަޑިއަކު 500 މީހުންނަށް ކްލިއަރަންސް ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. އެމެރިކާގެ ޖެނެރަލް، ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޗެއާމަން މާކް މިލޭ ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަނީ އެމެރިކާ ރައްޔިތުން ބޭލުމުގެ މަސައްކަތް ކަމަށާ، އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށްވެސް އެމެރިކާއިން ބަލާނެ ކަމަށެވެ.

އެމެރިކާއިން ދަނީ، ހަނގުރާމައިގެ ދުވަސްވަރު އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިން އަފްގާނިސްތާނުގެ އާންމުންނަށް ރައްކާތެރި މަންޒިލްތައް ހޯދާ ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ތޯލިބާނުންނާއި އެނޫންވެސް ޓެރަރިސްޓުންނާ ދެކޮޅަށް ކުރި ހަނގުރާމަ ނިންމާލުމަށްފަހު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގެ އަސްކަރީ ފައުޖުތައް ބާލާނެ ކަމަށް އެމެރިކާގެ ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. ތޯލިބާނުން އަފްގާނިސްތާނަށް އަލުން އަތްގަދަ ކޮށް، އެ ގައުމުގެ ކޮންޓްރޯލް ނަގާފައި ވަނީ، އެމެރިކާއާއި ގުޅިފައި ވާ ގައުމުތަކުގެ އަސްކަރީ ފައުޖުތައް އަފްގާނިސްތާނުން ފައިބަމުން ދިޔަ ފޯރި އެންމެ ގަދަވި ވަގުތުއެވެ.