ދީނީ އިލްމުވެރިންނަށް ސިޔާސީ ވާހަކަތައް ދައްކާކަށް ނޭނގޭނެ ބުނާ އެކްޓިވިސްޓުންނަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ހޫނު ރައްދެއް ދެއްވައިފިއެވެ.
އަދާލަތު ޕާޓީގެ 16 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިޔާޒް ވިދާޅުވީ، މިއަދު ބައެއް ސިޔާސީ އެކްޓިވިސްޓުން ބުނާގޮތުން ދީނީ އިލްމުވެރިންނަށް ސީޔާސީ ވާހަކަ ދައްކާކަށް ނޭނގޭނޭ ކަމަށާއި މިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށެވެ. މެޑިކަލް ޑޮކްޓަރަުންނާއި އިންޖީނިއަރުންނަށް ވެސް ދީނީ ވާހަކަ ދައްކަން އެނގޭނެ ކަމަށާއި އެހެންކަމުން ދީނީ އިލްމުވެރިއަކަށް މެޑިކަލް ކަންތައްތަކާ ބެހޭ ގޮތުން ވެސް އެމީހަކަށް އެނގިފައި ހުރި އެއްޗެއް ބުނެވޭނެ ކަމަށް އިޔާޒް ވިދާޅުވިއެވެ.
ސީޔާސީ ޕާޓީތައް އުފެދުނު ހިސާބުން ފެށިގެން އަދާލަތު ޕާޓީގެ ހިޔާލާ އިދިކޮޅު ހިޔާލު ހުންނަ ފަރާތްތަކުން ނުވަތަ އެބަޔަކު އަމިއްލައަށް އެމީހުންނަކީ ވަރަށް ސިޔާސީ ބައެކޭ ބުނެ އަމިއްލަ ނަފްސަށް ސީޔާސީ ލޭބަލް ޖަހައިގެން އުޅޭ މީހުން ދީނީ އިލްމުވެރިންނާ ދެކޮޅަށް ވާހަކަ ދައްކާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެމީހުން ބުނާ ގޮތުގައި އެމީހުން ތިއްބާ ދީނީ މީހުން ސިޔާސީ ކަންކަމާ ކައިރިވާކަށް ނުޖެހޭނެ ކަމަށާއި ދީނީ މީހުން ތިބެން ވާނީ މިސްކިތްތަކުގައި ބަންގި ގޮވަން ކަމަށް އިޔާޒް ވިދާޅުވިއެވެ.
އަދި މިއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް އިޔާޒް ވިދާޅުވިއެވެ. ދީނީ އިލްމުވެރިންނަކީ ވެސް ސިޔާސީ ކަންކަމުގައި ވެސް އަދި އެމީހަކަށް ލިބިފައި ހުރި އިލްމެއްގެ އަލީގައި އެހެނިހެން ދާއިރާތަކުގައި ވެސް ދީނީ ހިޔާލު ދެވޭނެ ބައެއް ކަމަށް އިޔާޒް ވިދާޅުވިއެވެ.
އިސްލާމް ދީނަކީ ހުރިހާ ކަމަކަށް ޝާމިލް ވެގެންވާ ދީނެއް ކަމަށް އިޔާޒް ވިދާޅުވިއެވެ. ކީރިތި ގުރުއާނުގައި ދިރިއުޅުމުގެ ހުރިހާ ދާއިރާއަކުން އަމަލު ކުރަންޖެހޭ ގޮތްތައް އަންގަވާފައިވާ ކަަމަށް އިޔާޒް ވިދާޅުވިއެވެ. އަދި ކީރިތި ރަސޫލާގެ ސީރަތުގައި ވެސް އެކަންކަމުގެ ނަމޫނާ ވަނީ ދައްކަވާފައި ކަމަށް ވެސް އިޔާޒް ވިދާޅުވިއެވެ. ގައުމުކަށް ތަރައްގީ ގެނައުމަށް އިގްތިސޯދީ ގޮތުންނާއި އަޖްތިމާއީ ގޮތުން ވެސް ކަންކަން ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތްތައް އިސްލާމް ދީނުގައި އަންގަވާފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އިޔާޒް ވިދާޅުވީ، ހަނދާނަށް އަންނަނީ މިގެ 16 އަހަރު ކުރިން ސިޔާސީ ޕާޓީތައް އުފެއްދުމަށް އޭރުގެ ރައްޔިތުންގެ މަޖިލީހުން ގާނޫނާއި ގަވާއިދުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ފެށުމާ އެކު އެ ދުވަސްވަރު މާލޭގެ ސޯސަންމަގުން ބައްދަލުވި މަދުރަސީ ދައުރުގެ މުދައްރިސަކާ ބައްދަލުވި ދުވަސް ކަމަށެވެ. އެދުވަހު އެ މުދައްރިސް ވިދާޅުވި ވާހަކަތައް ހިއްސާ ކުރައްވަމުން އިޔާޒް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ޕާޓީތައް އުފެދެން އުޅޭ އިރު، ރާއްޖޭގައި އުފެދޭނެ ކަމަށް ލަފާކުރެވެނީ އެންދެރި ޕާޓީއާއި، ކެނެރީ ޕާޓީއާއި، ކާމިނީ ޕާޓީ ކަމަށާއި އެހެން ކަމުން ދީނީ ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަކީ ވަރަަށް މުހިއްމު ކަމެއް ކަމަށް އެ މުދައްރިސް ވިދާޅުވި ކަމަށެވެ.
އެ ދުވަހު އެ މުދައްރިސް ދެއްކި ވާހަކަތަކަކީ ވަރަށް މުހިންމު ވާހަކަތަކެއް ކަމަށް އިޔާޒް ވިދާޅުވިއެވެ. އަދި މިއަދާ ހަމައަށް އައި އިރު ކަންތައް ހިނގާފަިއވާ ގޮތަށް ބަލާލިއަސް ދީނީ ސިޔާސީ ޕާޓީއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ހަލަބޮލިކަމެއްގެ ތރޭގައި ރާއްޖެ އޮތް އިރު އިޔާޒަކީ ސިޔާސީ ގޮތުން ނިންމާ ބައެއް ކަންކަމުގައި އޭނާގެ ހިޔާލު ފާޅު ކުރައްވާ ބޭފުޅެކެވެ. ދީނީ ގޮތުންނާއި އަދި އޭނާގެ އަމިއްލަ ހިޮޔާލުގައި ސަރުކާރުގެ ފަރާތުން ކުރަން ނިންމާ ކަންކަމުގައި ދެކިވަޑައިގަންނަވާ ގޮތުގެ ހިޔާލުތައް އޭނާ ހިއްސާ ކުރައްވައެވެ. އެ ގޮތުން މިފަދަ ހިޔާލުތައް އޭނާ ހިއްސާ ކުރައްވަމުން އަންނަނީ ޓްވިޓާ މެދުވެރިކޮށެވެ.
އަންހެންކުދިން ހިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އިޔާޒު ކުރެއްވި ޓްވީޓަކާ ގުޅިގެން އެ މައްސަލަ އިސްލާމިކް މިނިސްޓްރީން އަންނަނީ ބަލަމުންނެވެ. ގައުމީ ޔުނިވާސިޓީގައި އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާ އަދާކުރައްވަމުން އޭނާ ކުރެއްވި މިފަދަ ޓްވީތްތަކެއްގެ މައްސަލައާ ގުޅިގެން ވަނީ އޭނާއަށް އިންޒާރުދީ ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު އެމްއެންޔޫގެ ވަޒީފާއިން ވަކިވެސް ކޮށްފައެވެ.
އިޔާޒު ވަޒީފާއިން ވަކި ކުރި އިރު އޭނާ ހުންނެވީ އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރު / ސީނިއާ ލެކްޗަރާ އެއްގެ ގޮތުގައެވެ. ނަމަވެސް ޔުނިވަސިޓީން ކުރާ އެ ތުހުމަތުތައް އިޔާޒް ވަނީ ދޮގު ކުރައްވާފައެވެ.