ސްކޫލެއްގައި ނޫޅޭ އުމުރުން 12 އާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހޭނީ އެޕޮއިންޓުމަންޓް އުސޫލުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް ސްކޫލެއްގައި ނޫޅޭ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި މާބަނޑު އަންހެނުންގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދަށް މީހުންނަށް ކަމަށެވެ.
ހަމައެއާއެކު ރާއްޖެއިން ބޭރަށް ކިޔަވަން ދާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ގައުމުތަކަށް ދާ ކުދިންނަށްވެސް އެޕޮއިންޓުމަންޓް އުސޫލުން ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ސްކޫލް ކުދިންގެ ތެރެއިން އުމުރުން 12 އާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ.
ވެކްސިން ޖަހަން ހަމަޖެހިފައިވާ ގަޑިތަކާއި މަރުކަޒުތައް:
އިސްލާމީ މަރުކަޒު - ހެނދުނު 9:00 އިން ހަވީރު 16:00 އަށް
ހުޅުމާލެ ހޮސްޕިޓަލް - މެންދުރު 13:00 އިން ހަވީރު 16:00 އަށް
ވިލިމާލެ ޔޫތް ސެންޓަރު - ހޯމަ ދުވަހުން ފެށިގެން މެންދުރު 13:00 އިން ހަވީރު 16:00 އަށް
މިހާރު ރާއްޖޭގައި ދެމުން އަންނަ ފައިޒާ ވެކްސިންއަކީ އެމެރިކާގެ އެހީގައި ރާއްޖެ ގެނައި 128،600 ޑޯޒުގެ ފައިޒާ ވެކްސިނެވެ.