ހަތިޔާރު އެޅި، ހަނގުރާމަވެރި ޓެރަރިސްޓް ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ މި ދަނޑިވަޅުގައި، އެމެރިކާގެ އަސްކަރީ ފައުޖުތައް އަފްގާނިސްތާނުން ބޭލުމަށް، އެމެރިކާގެ އަދުގެ ސަރުކާރުން ނިންމި ނިންމުން ދިފާއު ކުރައްވާ، އެމެރިކާގެ ރައީސް ޖޯ ބައިޑަން އަނެއްކާވެސް ވާހަކަފުޅު ދައްކަވައިފިއެވެ.

ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާއިން އަފްގާނިސްތާނުގައި 20 އަހަރު ދުވަސް ވަންދެން ކުރި ހަނގުރާމަ، ކޮޅެއްގައި ނުޖެހި ނިންމާލުމަށްފަހު މި އޯގަސްޓް މަހުގެ 31 ވަނަ ދުވަހު އަފްގާގާނިސްތާނުން ފައިބާއިރު، އަފްގާނިސްތާނުގެ މަސްރަހުން މިހާރު ފެންނަމުންދަނީ ހަރުކަށި ފިކުރުގެ ތޯލިބާން ޖަމާއަތުން ގައުމުގެ ކޮންޓްރޯލް ނެގުމާއެކު، އާންމުން އެ ގައުމު ދޫކޮށް ދިއުމަށް ފުރާނަ އަތް މައްޗަށް ލައިގެން، އިންސާނިއްޔަތު ކަމުގެ އެހީއަކަށް އެދި ސަލާން ޖަހާ މަންޒަރެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާން ޖަމާއަތުގެ ހަނގުރާމަވެރިން / ފޮޓޯ: ބީބީސީ

20 އަހަރު ދުވަސްވީއިރުވެސް ތޯލިބާން ޖަމާއަތުގެ ބާރު ކަނޑުވާ ނުލެވި، އެމެރިކާގެ ސިފައިން އަފްގާނިސްތާނު ދޫކޮށް ފައިބާވަމުން ދާ ދިއުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިއުންތައް އިންތިހާއަށް އަމާޒު ވަމުން ދާއިރު، ބައިޑަން ގެންދަވަނީ، އެމެރިކާގެ ނިންމުން ދިފާއު ކުރައްވަމުންނެވެ.

އަފްގާނިސްތާނުން އެމެރިކާގެ ފައުޖުތައް ބާލަން ނިންމެވުނީތީ ހިތާމަ ނުކުރައްވާ ކަމަށް ވިދާޅުވި ބައިޑަންގެ ރޫހު އަދިވެސް ހުރީ އެގޮތަށެވެ. އަފްގާނިސްތާނުގެ ވެރިރަށް ކާބުލް، ތޯލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ ފަހުން ފުރަތަމަ ފަހަރަށް ކުރެއްވި ތަގުރީރުގައި ބައިޑަން ވަނީ، އެމެރިކާގެ ސިފައިން އަފްގާނިސްތާނުގައި ހިންގި މިޝަންއަކީ، ގައުމެއް ބިނާ ކުރުމަށް އެމެރިކާގެ މައްޗަށް ލާޒިމުކުރާ މިޝަންއެއް ނޫން ކަމަށް ވިދާޅުވެފައެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ބައިޑަން ވަނީ، އަފްގާނިސްތާނުގެ މައި ސަރުކާރު ވެއްޓި، އެ ގައުމުގެ މަސްރަހުން މިހާރު ފެންނަމުންދާ ކަންކަން ފެންނަން ފަށާފައި ވަނީ، އެމެރިކާއިން އަންދާޒާ ކުރި ދުވެއްޔަށް ވުރެ ހަލުވި ކޮށް ކަމަށް ވިދާޅުވެފައެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ ފައުޖެއް / ފޮޓޯ: ގެޓީ އިމޭޖަޒް

ނަމަވެސް އެމެރިކާ ސިފައިންގެ އަފްގާން މިޝަން ނިމުމަކަށް ގެނައުމަށް ނިންމާފައި ވަނީ ރަނގަޅު ނިންމުމެއް ކަމަށް ބައިޑަން ވިދާޅުވިއެވެ. އެމެރިކާގެ ސިފައިންނަކީ އަފްގާނިސްތާނުގެ ސިފައިން އެ ހަނގުރާމައެއް ކުރަން ބޭނުން ނުވާ ހަނގުރާމައެއްގައި މަރުވެދާންޖެހޭ ބައެއް ނޫން ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

ބައިޑަން މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައި ވާއިރު، އަފްގާނިސްތާނު ދޫކޮށް ދިއުމަށް މަތިންދާބޯޓުތަކަށް އެރުމަށް އަފްގާނިސްތާނުގެ ރައްޔިތުން، ވައިގެބަނދަރުތަކުގައި އުޅެމުންދާ ހާލު ފެންނަ މަންޒަރުތައް، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވެ، އެމެރިކާއަށް ބޮޑެތި ފާޑުކިއުންތަކެއް ދަނީ އަމާޒު ވަމުން ކަން ފާހަގަ ކުރަންޖެހެއެވެ.

އެމެރިކާ އަސްކަރިއްޔާއަށް އެހީވެދިން އަފްގާނިސްތާނުގެ ރައްޔިތުން އެމެރިކާއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރިއަށް / ފޮޓޯ: ގެޓީ އިމޭޖަޒް

އާންމުންގެ މީހުން އަފްގާނިސްތާނު ދޫކޮށް ދިއުމަށް އެމީހަކަށް ވީ ގޮތަކުން މަސައްކަތް ކުރަމުން ދަނީ، އަފްގާނިސްތާނުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަޝްރަފު ޣަނީ، އާދީއްތަ ދުވަހުގެ ވަގުތެއްގައި، ގައުމު ދޫކުރާ ފުރާވަޑައިގެންނެވި ތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ތޯލިބާނުން، އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމާ ގުޅިގެންނެވެ.

ޣަނީ ވިދާޅުވާ ގޮތުގައި، މި ދަނޑިވަޅުގައި އޭނާ ގައުމު ދޫކުރައްވާ ވަޑައިގަތީ، އިތުރު ލޭ އޮހުރުވުމަކަށް ފުރުސަތު ނުދެއްވުމަށެވެ. ނަމަވެސް އެކަމަށްވެސް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ. ޣަނީގެ ނިންމެވުމަކީ ގައުމިއްޔަތުގެ ރޫހާ ހިލާފު، ހިތާމަ ހުރި ނިންމެވުމެއް ކަމަށް، ފާޑުކިއާ ފަރާތްތަކުން ބުނެއެވެ.