ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އޮފީސް ފަޅަމުން ދަނީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ތުހުމަތު ކުރައްވައިފިއެވެ.

އާރްޑީސީ އޮފީސް ފަޅާލުމާ ގުޅިގެން މޫކޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮފީހަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތް ކުރަނީ ކުށުގެ ރެކޯޑް އޮންނަ ފަރާތްތައް ބޭނުން ކޮށްގެން އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށެވެ.

އަދި އެއް ފަހަރުވެސް ހައްޔަރު ކުރާ މީހުންގެ ތެރޭގައި އާރްޑީސީގެ މުވައްޒަފަކު ނުހިމެނޭ ކަމަށާއި އާރްޑީސީގައި ވަގުން ނޫޅޭނެ ކަމަށް މޫކޭ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ވަގުން އޮފީހަށް ވަދެފަައި ވަނީ އޮފީހުގެ ފުރާޅުން ޓިނު ނަގައިގެން ސީލިންގުގެ ބައެއް ހަލާކުކޮށްލުމަށް ފަހުގައެވެ. އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 07:48 ގައެވެ.

މިއީ މި އަހަރު ތެރޭ އެ އޮފީސް ފަޅައިލި ތިން ވަނަ ފަހަރެވެ.

މޯލްޑިވްސް ޝިޕިންގް ލިމިޓެޑުގެ އިމާރާތުގައި ހިންގާ އާރްޑީސީގެ އޮފީހަށް މި އަހަރު އޭޕްރިލް މަހު ވެސް ބަޔަކު ވަދެ 100،000 ރުފިޔާ ވަގަށް ނެގިއެވެ. އޭގެ ހަފްތާއެއް ފަހުން އަނެއްކާ ވެސް އެ އޮފީސް ފަޅާލައި 3000 ރުފިޔާ ވަނީ ވަގަށް ނަގާފައެވެ.

އޭރު ހިނގި ވައްކަންތަކާ ގުޅިގެން ވެސް އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް އެނގިފައެއް ނުވެއެވެ.