ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލާގައި 4 ވަނަ ފަހަރަށް ޝަރީއަތް ކެންސަލް ކޮށްފިއެވެ.

މިއަދުގެ ޝަރީއަތް ތާވަލް ކުރީ މެންދުރު ފަހު 14:30 އަށެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ މާފުށީ ޖަލުން އެ އަޑުއެހުން ކުރިއަށް ގެންދެވެން ނެތްކަމަށް ކްރިމިނަލް ކޯޓަށް އެންގުމާ ގުޅިގެން ކަމަށެވެ.

ނަދީމް މަރާލީ ޖުލައި 27، 2017 ވަނަ ދުވަހުގެ ހަވީރު އޭނާ ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު އެތަނަށް ވަދެ އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީއެވެ. ނަދީމް މަރުވީ އޭނާއަށް ދިން ހަމަލާތަކުގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުންނެވެ.

އޭނާގެ މަރާ ގުޅިގެން، އެ ހާދިސާ ހިނގި އިރު 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް، މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލިއެވެ. އޭނާގެ މައްސަލަ ބެލީ ޖުވެނައިލް ކޯޓުގައެވެ.

އޭނާގެ މައްސަލަ ކުރިން ޖުވެނައިލް ކޯޓުން ބާތިލު ކުރި ނަމަވެސް، އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ހުކުމް ކޮށްފައި ވާތީ އެ މައްސަލަ ޖުވެނައިލް ކޯޓުގައި ދެވަނަ ފަހަރަށް ބަލަން ވަނީ ފަށައިފަ އެވެ. އަދި ޖެނުއަރީ 5 ގައި އެ މައްސަލައިގެ ޝަރީއަތް ނިމެން ދެން އޭނާ ބަންދުވެސް ކުރިއެވެ. ނަމަވެސް، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޝަރުތުތަކާއެކު އޭނާ އަނެއްކާވެސް ބަންދުން ދޫކޮށްލަން ޖުވެނައިލް ކޯޓުން ވަނީ ނިންމާފައެވެ.

ނަދީމްގެ މަރާ ގުޅިގެން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލަދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވެ އެވެ. އަދި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެ އެވެ.