ދައުލަތަށް ފައިސާ ހޯދަން ސުކޫލުތަކެއް ސުކޫކް އުސޫލުން ދޫކޮށްލައިފިކަމަށް ބުނާ ބުނުން ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އިޖާރާ އެސެޓެއްގެ ގޮތުގައި އެއްވެސް ސުކޫލެއް ބޭނުން ކޮށްގެން ދައުލަތަށް އެއްވެސް ދަރަންޏެއް މިހާތަނަށް ނަގައިފައި ނުވާނެ ކަމަށެވެ. އަދި ސްކޫލެއް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އެސެޓެއް ރަހުނު ކޮށްގެން ދައުލަތަށް ދަރަންޏެއް ނެގުމަކީ މި ސަރުކާރުގެ ވިސްނުމުގައި ވާ ކަމެއް ނޫން ކަމަށާ އަދި ކުރާނެ ކަމެއް ނޫން ކަމަށް ވެސް ފައިނޭންސް އިން ބުނެފައިވެއެވެ.
ފައިނޭންސް އިން މިގޮތަށް ބުނުމުގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ، އިޖާރާ އެގްރީމެންޓްގެ ބޭނުމަށް ސުކޫލުތަކެއް ބެނުން ކޮށްފައި ވާކަމަށެވެ. އަދި އެއީ ރަހުނެއް ނޫން ކަމަށާއި ލޯނު ނުދެއްކުނަސް ސުކޫލުތައް ނުގެއްލޭނެ ކަމަށް ވެސް މަބްރޫކް ވިދާޅުވެފައި ވެއެވެ.
އިޖާރާއަކީ ކުލީގެ އެއްބަސްވުމެކެވެ. އެގޮތުން ކުލީގެ ގޮތުގައި ދެވޭނީ މަންފާ ދެމެހެއްޓެނިވި ގޮތަކަށް ލިބޭ މުދަލެއް ކަނޑައެޅޭ ވަކި ކުލީގެ މުއްދަތެއް ކަނޑައަޅައި އެ މުއްދަތުގައި ދައްކަންޖެހޭ ކުލީގެ މުއްދަތު ކަނޑައެޅުމަށް ފަހުގައެވެ. އިޖާރާގެ ގޮތުގައި ކުއްޔަށް ދެވޭނީ ވެސް އާންމުކޮށް ކުއްޔަށް ދޭ އުސޫލުން ފަނާވެގެން ނުދާނެ އެއްޗަކުންނެވެ.
ސަރުކާރުން އިޖާރާގެ ގޮތުގައި ދޫކޮށްލާފައި ވާކަމަށް ބައެއް މަސްދަރުތަކުގައި ބުނެފައިވާ 10 ސްކޫލް:
- ކަލާފާން ސުކޫލް
- ތާޖުއްދީން ސްކޫލް
- އިސްކަންދަރު ސްކޫލް
- އިމާދުއްދީން ސްކޫލް
- ޣިޔާސުއްދީން ސްކޫލް
- އަންހެންކުދިންގެ ސާނަވީ ސްކޫލް 2
- މއ. މާލެ އިންގްލިށް ސްކޫލް
- މާލޭ ހަޔާ ސެކަންޑަރީ ސްކޫލް
- އިންގްލިށް ޕްރިޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް
- ސީއެޗްއެސްސީ
ރައީސް ޔާމީނުގެ ވެރިކަމުގައި އެޅި ދަރުމަވަންތަ ހޮސްޕިޓަލް ސަރުކާރުން ވަނީ ރަހުނު ކޮށްފައެވެ. ދަރުމަވަންތަ ހޮސްޕިޓަލް ރަުނުކޮށްގެން 1.5 ބިލިއަން ރުފިޔާ ސަރުކާރުން ވަނީ ހޯދާފައެވެ.
ފިނޭންސް މިނިސްޓަރު އަމީރު މީގެ ކުރިން ވެސް ވިދާޅުވެފައި ވަނީ މާލޭން ބިންތަކެއް ރަހުނު ކުރައްވައިގެން ފައިސާ ހޯދަން ނޫޅުއްވާ ކަމަށެވެ.
މީގެއިތުރުން އިއްޔެ ފައިނޭންސް މިނިސްޓްރީން ވަނީ ދެ ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ވިއްކުމަށް ހުޅުވާލާފައެވެ. މިނިސްޓްރީން ވިއްކަން ހުޅުވާލާފައި ވަނީ ޖުމްލަ 2.02 ބިލިއަން ރުފިޔާގެ ޓީބިލެވެ. އެއިން 40 މިލިއަން ރުފިޔާގެ ޓީބިލަކީ 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ވިއްކަން ހުޅުވާލި ޓީބިލެވެ. އަދި 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް 240 މިލިއަން ރުފިޔާގެ ޓީބިލެވެ.
އަދި 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް 135 މިލިއަން ރުފިޔާގެ ޓީބިލާއި 365 ދުވަހުން އަނބުރާ ދައްކާ ގޮތަށް ވިއްކާ 1.6 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކަން ވަނީ ހުޅުވާލާފައެވެ.