އުތުރުގެ ރަށެއްގައި އަންހެނަކު އޭނާގެ ދަރިންނަށް އަނިޔާކުރާ މައްސަލާގައި އެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް ކުދިން ރައްކާތެރި މާހައުލަކަށް ބަދަލު ކޮށްފައިވާ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން އެޖެންސީ (ސީއެފްޕީއޭ) ބުނެފިއެވެ.

ސީއެފްޕީއޭ އިން ބުނީ އުތުރުގެ ރަށެއްގައި މަންމަގެ ފަރާތުން ކުޑަ ކުދިންތަކަކަށް ޖިސްމާނީ އަނިޔާ ލިބުނުކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެއް ރިޕޯޓު ކޮށްފައިވުމާއި ގުޅިގެން އެ އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓާ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ކަމަށެވެ. އަދި ކުދިން މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފާ ކަމަށް ވެސް ސީއެފްޕީއޭއިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅުމުން މިހާރު ފުލުހުންނާއި ޖެންޑާއިން މައްސަލަ ބަލަައި ތަހުގީގު ކުރަމުންދާ ކަމަށް ބުނެއެވެ.

މިހާދިސާގައި އަނިޔާ ލިބިފައި ވަނީ ކިތަށް ކުދިންނަށް ކަމެއް އަދި ކިހާ އުމުރެއްގެ ކުދިންނަށް ކަމެއް ސާފެއް ނުވެއެވެ.