ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ އަންހެން ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިން ކޯސް ފަށައިފިއެވެ.

ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގާ 9 ވަނަ ބޭސިކް ޑައިވިން ކޯސް މިއަދު ފަށައިފިއެވެ. މި ކޯހަކީ ފުރަތަމަ ފަހަރަށް އެމްއެންޑީއެފްގެ އަންހެން ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިން ކޯހެވެ.

މިކޯސް ފެށުމުގެ ގޮތުން މިއަދު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ކާނަލް މުހައްމަދު ސަލީމް ވަނީ ކޯހުގެ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވާފައެވެ. މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންގެ އިގްރާރުލައި ދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑު ސްކޫލުގެ ކޮމާންޑިން އޮފިސާ ލެފްޓިނެންޓް ކާނަލް މުހައްމަދު ޖަމްޝާދެވެ. އަދި ދަރިވަރުންނަށް އިގްރާރު ލައިދެއްވީ ކޯހުގެ ކޯސް އޮފިސާ ކެޕްޓަން މުހައްމަދު ޝަފީގެވެ.

އޮގަސްޓް 15، 2021 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯސް ކުރިއަށް ދާނީ ގިރިފުށީ ޓްރޭނިން ސެންޓަރުގައެވެ. މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޑައިވިންގެ ތާރީހާއި، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންއާއި، ޑައިވިން އޮޕަރޭޝަންގައި ޑައިވް އިކްއިޕްމަންޓްސް އާއި އެކްސެސަރީސް ބޭނުންކުރާނެ ގޮތާއި، ޑައިވިން ކޮމިއުނިކޭޝަނާއި ޑައިވް ޓޭބަލްސްގެ ބޭނުމާއި، ޑައިވިން ސޭފްޓީ އަދި ޑައިވިން ސާޗް ޕެޓާންސްއާއި، ފިޒިކަލް ޓްރޭނިން، ސްވިމިން އަދި ޑައިވިން ސްކިލްސް، ޑައިވިންގ ފަސްޓްއެއިޑް، މިޝަން ޕްލޭނިންގެ އިތުރުން ހާލުގައިޖެހޭ އުޅަނދުފަހަރު ސަލާމަތްކުރާނެ ތަމްރީނު ވެސް މިކޯހުގެ ބައިވެރިންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގާ މިކޯހުގައި ޖުމްލަ 29 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާ ތަކުން 7 ސިފައިން ބައިވެރިވިއެވެ. މިގޮތުން ސްރީލަންކާއާއި ބަންގްލަދޭޝް އަދި ނޭޕާލްގެ ސިފައިން ބައިވެރިވެފައިވެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފްގެ އެކި ޔުނިޓްތަކަށް ނިސްބަތްވާ ސިފައިން ވަނީ ބައިވެރިވެފައެވެ.

މި ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ކޯސްޓްގާޑު ކޮމަޑާންޓްގެ އިތުރުން ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ރިޒްމީ ވަލީދާއި، ކޮމާންޑް ސާޖަންޓް މޭޖާ އޮފް ކޯސްޓްގާޑް، ކޮމާންޑް ސާޖަންޓް މޭޖާ އަހްމަދު ޝަހީރާއި ކޯސްޓްގާޑުގެ އޮފިސަރުންނާއި ސީނިއާ އެންލިސްޓެޑުންނާއި ކޯހުގެ ދަރިވަރުންނާއި މުދައްރިބުން ބައިވެރިވެލެއްވިއެވެ.