ބިސްބުރުކައިރީ ހުންނަ ވަގުތީ މިސްކިތް ކައިރީ ގުދަނަކުން ގޭސްފުޅިއެއް ގޮވައި ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ގޭސް ފުޅިއެއް ގޮވައި ހިނގި މި ހާދިސާގައި އެކަކު ފިހި އޭނާ އަށް ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އިތުރު މީހަކަށް އަނިޔާވެ އެމީހަވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އަދި ފަޔާ އެންޑް ރެސްކިއު ސާވިސް އިން މިހާރު ހާދިސާ ހިނގާފައިވާ ސައިޓަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގައިފައި ވަނީ ފަޔާ އެސްޓިންގުއިޝާ ބަހައްޓާ ގުދަނެއްގައި ކަމަށެވެ. އަދި މި ހާދިސާގައި އެކަކަށް އަނިޔާވެފައި ވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 09:41 ހާއިރު ކަމަށާ އަނިޔާވެފައިވާ ފަރާތް އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާދެމުން ދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ދާދިފަހުން ގދ. ގައްދޫގައި ވެސް ވަނީ ގޭސްފުޅިއެއް ލީކުވެ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. މި ހާދިސާގައި ބިދޭސީއަކު ވަނީ ފެިހިފައެވެ.

މިއަހަރު ކުރީކޮޅު ރ. އިނގުރައިދޫގައި ގޭސްފުޅިއެއް ގޮވާ އަންހެނަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. މި ހަދިސާގައި އެ އަންހެން މީހާގެ އަތާއި ކަކޫ އަދި މޫނުން ވެސް ބައެއް ވަނީ ފިހިފައެވެ.