މާލޭ ސިޓީގެ ބްލޮކުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ ބުލޮކުވެރިޔާ ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު އޮންނާނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހެންވޭރުގެ މީހުންނަށް ހާއްސަކޮށް ރޭ ބޭއްވި އަވަށު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ބްލޮކްތަކުގެ ވެރިން ހޮވުމަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން މިހާރު ފޯމު ދޫކުރުން ފަށާފައިވާ ކަމަށެވެ.

އަންނަ މަހު 16 ވަނަ ދުވަހާ ހަމައަށް ފޯމު ދޫކުރާނެ ކަމަށާއި އެކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތަކަށް ދައުވަތު ދެއްވާ ކަމަށް ޑރ. މުއްއްޒު ވިދާޅުވިއެވެ.

އަޅުގަނޑު އެދެން މާލޭގެ ހުރިހާ ބްލޮކަކަށް ވެސް އެބްލޮކެއްގެ ވެރިއަށް ވާން ބޭނުންވާ ބޭފުޅަކު ކުރިމަތި ލެއްވުން، އެބްލޮކެއްގެ ރައްޔިތުން އިންތިހާބަކުން އެބޭފުޅާ ހޮވާނީ، އެކަން އޮންނާނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ފޯމު ދޫކުރުން 16 ސެޕްޓެމްބަރާ ހަމައަށް އޮންނާނެ، އެހެންވީމަ އަޅުގަނޑު އެދެން ހަމަ މާލެގެ ހުރިހާ ރައްޔިތުން އެބޭފުޅުންގެ ބްލޮކްތަކަށް ވެރިއަކު ހޮވުމުގަ މަސައްކަތްތައް ކޮށްދެއްވުން
މާލެ ސިޓީ މޭޔާ ޑރ. މުހައްމަދު މުއިއްޒު

މާލޭސިޓީގެ ބްލޮކުވެރިޔާ އިންތިހާބަށް ކުރިމަތިލާ މީހާގެ ހުންނަން ޖެހޭ ޝަރުތުތައް:

  • މީލާދީގޮތުން 18 އަހަރު ފުރިފައިވާ ދިވެއްސެއްކަމުގައި ވުން.
  • އެމީހަކު އެ ކުރިމަތިލާ ބުލޮކެއްގައި ދިރިއުޅޭ މީހެއްކަމުގައިވުން.
  • ވައްކަން، ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިނުވާ މީހެއް ކަމުގައިވުން.
  • އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް، ޖިންސީ ޖިސްމާނީ ހާނިއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުމާ، އެފަދަ މައްސަލައެއްގެ ތަހްގީގުގައި ބަންދުވެފައިވާ މީހެއްކަމުގައި ނުވުމާ، ތަހްގީގުގެ މަރުހަލާގައި ތަހްގީގު ކުރަމުންދާ މީހެއްކަމުގައި ނުވުން.
  • ކުރިން ބުނި ޖިނާއީ ކުއްތައް ފިޔަވާ އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް ތަންފީޒު ކުރެވުނުތާ 3 އަހަރު ވެފައިވުން.
  • އިންތިހާބު ކުރެވޭ އެއްވެސް އެހެން މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
  • މުސްތަގިއްލު މުއައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރާ ފަރާތެއް ކަމުގައި ނުވުން.

މީގެ ކުރިން އެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 09، 2021 ވާ ހޮނިހިރު ދުވަހު ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.