ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައި ތިބި މީހުންގެ ތެރެއިން ކޮވިޝީލްޑެ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި ފަހުން ބަލިވެ އިން މީހުންނަށް ދެވަނަ ޑޯޒް އަަކަށް އެސްޓްރަޒެނެކާ ޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީޢޭއިން މިހެން ބުނީ މާދަމާ ފައިޒާ ވެކްސިން މާލެއާއި އަތޮޅުތެރޭގައި ޖަހަން ފަށާ ކަމަށް ބުނެ ކުރި އިއުލާނުގައެވެ.

ކޮވެކްސްް ފެސިލިޓީ މެދުވެރިކޮށް ޔޫއެސްގެ އެހީގައި ރާއްޖެއަށް 128،600 ޑޯޒްްގެ ފައިޒާ ވެކްސިން ވަނީ ލިބިފައެވެ. އެ ވެކްސިން މާދަމާއިން ފެށިގެން ޖަހާ އިރު މާބަނޑު މީހުންނަށް ވެސް ފައިޒާ ވެކްސިން ޖަހައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާބަނޑު މީހުންނަށް އެއްވެސް ވެކްސިނެއް ނުޖަހާ ނަމަ ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހޭނެއެވެ. ނަމަވެސް ކުރިން ކޮވިޝީލްޑް ވެކްސިން ޖަހާފައި ތިބި މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ނުވަތަ އެސްޓްރަޒެނެކާ ވެކްސިން ދެވަނަ ޑޯޒްގެ ގޮތުގައި ޖެހިދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފައިޒާ ވެކްސިން ޖަހައި ދިނުމަށް ހަމަޖެހިފައި ވަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނަށާއި، މާބަނޑު މީހުންނަށާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ. މީގެ އިތުރުން ކޮވިޝީލްޑް ނުވަތަ ސިނޯފާމް ވެކްސިން ޖަހައިގެން ބޮޑު ސައިޑް އިފެކްޓްތަކެއް ފެނިފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒަކަށް ފައިޒާ ވެކްސިން ޖެހުމަށް އޭއައިއެފްއައި އިން ލަފާ ދީފައިވާ ނަމަަ ފައިޒާ ވެކްސިން އެފަރާތްތަކަށް ޖަހައިދޭނެއެވެ. އަދި ރާއްޖެއިން ބޭރަށް ކިޔަވަން ދާން ހަމަޖެހިފައިވާ ދަރިވަރުން ދާ ގައުމަކީ ފައިޒާ ވެކްސިން ނޫން ވެކްސިން ގަބޫލު ނުކުރާ ގައުމަކަށް ވާނަމަ އެ ދަރިވަރުންނަށް ފައިޒާ ވެކްސިން ޖަހައިދޭނެއެވެ.

ފައިޒާ ވެކްސިން ޖަހައިދޭ ސެންޓަރު ތަކަކީ އިސްލާމީ މަރުކަޒު، ހެނދުނު 9 އިން ހަވީރު 4 އަށް، ހުޅުމާލެ ހޮސްޕިޓަލް މެންދުރު ފަހު 1 އިން ހަވީރު 4 އަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ވިލިމާލޭގައި ފައިޒާ ވެކްސިން ޖަހައިދޭން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ވިލިމާލެ ޔޫތް ސެންޓަރުން މެންދުރު 1 އިން ހަވީރު 4 އަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.