ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ 12 އަހަރުން މަތީގެ ކުޑަކުދިންނަށް ފައިޒާ ވެކްސިން ޖަހާ ގޮތަށް ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވެކްސްް ފެސިލިޓީ މެދުވެރިކޮށްް ޔޫއެސްްގެ އެހީގައި ރާއްޖެއަށްް 128،600 ޑޯޒްްގެ ފައިޒާ ވެކްސިން ވަނީ ލިބިފައި ކަމަށާއި އެ ވެކްސިން މާދަމާއިން ފެށިގެން މާލެއާއި އަތޮޅުތަކުގައި ޖަހަންް ފެށުމަށްް ހަމަޖެހިފައިވާ ކަަމށެވެ. އެގޮތުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފައިޒާ ވެކްސިން ޖަހަން ރާއްޖޭގައި ހުއްދަ ދީފައިވާ އިރު މާދަމާއިން ފެށިގެން އެ އުމުރު ފުރާގެ ކުދިންނަށް ވެކްސިން ޖަހަން ފަށާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އޭގެ އިތުރުން ފައިޒާ ވެކްސިން ޖަހާނީ މާބަނޑު މީހުންނަށާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މާބަންޑު މީހުންނަށް ވެކްސިން ޖަހާ ގޮތުގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ، މާބަނޑު މީހުންނަށް އެއްވެސް ވެކްސިނެއް ނުޖަހާ ނަމަ ފައިޒާ ވެކްިސންގެ ފުރަތަމަ ޑޯޒް ޖެހޭނެ ކަމަށެވެ. ނަމަވެސް ކުރިން ކޮވިޝީލްޑް ވެކްސިން ޖަހާފައި ތިބި މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ނުވަތަ އެސްޓްރަޒެނެކާ ވެކްސިން ދެވަނަ ޑޯޒްގެ ގޮތުގައި ޖެހިދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ކޮވިޝީލްޑް ނުވަތަ ސިނޯފާމް ވެކްސިން ޖަހައިގެން ބޮޑު ސައިޑް އިފެކްޓްތަކެއް ފެނިފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒަކަށް ފައިޒާ ވެކްސިން ޖެހުމަށް އޭއައިއެފްއައި އިން ލަފާ ދީފައިވާ ނަމަަ ފައިޒާ ވެކްސިން އެފަރާތްތަކަށް ޖެހިދާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ. އަދި ރާއްޖެއިން ބޭރަށް ކިޔަވަން ދާން ހަމަޖެހިފައިވާ ދަރިވަރުން ދާ ގައުމަކީ ފައިޒާ ވެކްސިން ނޫން ވެކްސިން ގަބޫލު ނުކުރާ ގައުމަކަށް ވާނަމަ އެ ދަރިވަރުންނަށް ފައިޒާ ވެކްސިން ޖަހައިދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން މިދިޔަ އަހަރު ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައި ވަނީ އެ ދަރިވަރެއް ކިޔެވި ސްކޫލެއް މެދުވެރިކޮށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ފައިޒާ ވެކްސިން ޖަހައިދޭ ސެންޓަރު ތަކަކީ އިސްލާމީ މަރުކަޒު، ހެނދުނު 9 އިން ހަވީރު 4 އަށް، ހުޅުމާލެ ހޮސްޕިޓަލް މެންދުރު ފަހު 1 އިން ހަވީރު 4 އަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ވިލިމާލޭގައި ފައިޒާ ވެކްސިން ޖަހައިދޭން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ވިލިމާލެ ޔޫތް ސެންޓަރުން މެންދުރު 1 އިން ހަވީރު 4 އަށް ކަމށް އެޗްޕީއޭއިން ބުނެއެވެ.