ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 294،109 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 342،511 މީހުންނެވެ. އޭގެތެރެއިން 294،109 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 12 ވަނަ ދުވަހު އަތޮޅުތެރެއިން 1،435 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 872 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 563 މީހެކެވެ. ހަމައެއާއެކު މާލެއިން 1،271 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 630 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 641 މީހެކެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ވެކްސިންގެ ބޮޑު ކެމްޕޭނެއް ފަށަފައިވާ އިރު އުންމީދަކީ އަންނަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖަހާ ނިންމުން ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި 12 އަހަރުން މަތީގެ ކުޑަކުދިންނަށް ވެސް ކޮވިޑްއިން ދިފާއުވުމަށް ވެކްސިން ޖެހުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު އަންނަ ހަފާތްގައި ކުޑަކުދިންނަށް ވެކްސިން ދޭން ފަށާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އިއުލާނުކުރައްވާފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ 12 އަހަރުން މަތީގެ އެންމެންނަށް ދެވޭވަރަށް މިހާރު ވެކްސިން ގެނެސްފައިވާކަމަށާ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަންނަ ހަފްތާގައި ފައިޒާ ވެކްސިން ޖަހަން ފެށޭނެ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައިވާ ކަމަށެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ.