އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފު ކުރި ރިލީފް ލޯނު ދޫކޮށްފައި ވަނީ އެ ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަމަށް އިސްކަން ނުދީ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހަދާފައިވާ ކްރެޑިޓް އިންފޮމޭޝަނާ ބެހޭ ގަވާއިދުގެ 6 ވަނަ މާއްދާގައި މެމްބަރުންގެ ތެރޭގައި ހިމެނޭ ލައިސަންސް ދޫކޮށްފައިވާ ބޭންކުތަކާއި ފައިނޭންސް ކުންފުނިތަކާއި ފައިނޭންސް ލީސިން ކުންފުނިތަކާއި އިންޝުއަރޭންސް ކުންފުނިތަކުން އެއްވެސް ކްރެޑިޓް ފެސިލިޓީއެއް ދޫކުރުމުގެ ކުރިން ނުވަތަ އާ ކުރުމުގެ ކުރިން ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ނުވަތަ ކޮންމެހެން ބޭނުންވާ މައުލޫމާތުތައް އެ އޮތޯރިޓީއިން ހޯދަން ވާނެކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮވިޑް-19 ލޯނު ދޫކުރުމަށް އެސްޑީއެފްސީ އާ އެކު މިނިސްޓްރީ އޮފް ފިނޭންސުން ސޮއިކުރި ފަހުމުނާމާގައި ލޯނު ދޫކުރުމުގެ ކުރިން ލޯނު އަނބުރާ ދެއްކޭނެކަމުގެ ގާބިލްކަން ވަޒަންކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވިފައި ވާކަމަށް އޮޑިޓު އޮފީހުން ނެރުނު އެސްޑީއެފްސީގެ އޮޑިޓް ރިޕޯޓުގައި ވެއެވެ.

އެސްޑީއެފްސީ އިން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ވަރަށް ބޮޑަށް ލުއިކޮށްފައި ވާއިރު ލޯނު އަނބުރާ ދެއްކޭނެ ކަމުގެ ގާބިލް ކަމަށް ބެލުމެއްނެތި ލޯނުގެ ގޮތުގައި ފައިސާ ދޫކުރުމަކީ އެފައިސާ އަނބުރާ ނުލިބުމުގެ ހިރާސް އޮތްކަމެއްކަންވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އަދި ލޯނު ދޫކުރުމުގައި ކްރެޑިޓް އެނަލިސިސް ހެދުމަށް އިސްކަންދީފައި ނުވަނީ ވީހާވެސް އަވަހަކަށް ލޯނަށް އެދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައި ވާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެއިތުރަށް މިއީ މިންކޮށްފައިވާ ހިރާހެއް ކަމަށާއި ވިޔަފާރިތަކަށް ލޯނު ދޫކޮށްފައި ވާނީ 2019 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ 10 ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީ އާއި އެސްޑީއެފްސީން މައުލޫމާތު ދީފައިވާކަަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.